ޔޫކްރައިންގެ ހަނގުރާމަ ވަރުގަދަކުރަމުން ކުރިއަށް ގެންދަނީ ސަރަހައްދުތަކުގެ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ ގޮތުން ބާރުފޯރުވަން މަސައްކަތް ކުރާ "ނުފެންނަ އަތްތަކަކުން" ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ކިން ގެން މިހެން ވިދާޅުވީ ޗައިނާގެ ޕާލިމެންޓަރީ މީޓިންގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ވާހަކަ ދައްކަވަމުންނެވެ.

ވަކި ގައުމެއް އަދި ވަކި ބައެއްގެ ނަން ވިދާޅުވެ، ކިން ވިދާޅުވީ، ދެބަސްވުމާއި ދަތިކުރުމުގެ ފިޔަވަޅާއި ޕްރެޝަރުން މައްސަލަ ހައްލުނުވާނެ ކަމަށެވެ. އަދި ލަސްނުކޮށް ސުލްހައިގެ ވާހަކަތައް ފަށަން ޖެހޭ ކަމަށާއި ހުރިހާ ފަރާތްތަކަކުން ފާހަގަ ކުރާ ސެކިއުރިޓީ ކޮންސާންސް (ސަލާމަތާ ގުޅުން ހުރި މައްސަލަތައް) ތަކަށް އިހުތިރާމްވެސް ކުރަން ޖެހޭ ކަމަށެވެ.

ޔޫކްރައިން ހަނގުރާމަ އާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކަށް ހުޅަނގާއި އެމެރިކާއިން ފާޑުކިޔާ ދަނޑިވަޅެއްގައި ޗައިނާއިން ވަނީ، ޔޫކްރައިން އާއި ރަޝިއާގެ ސުލްހައަށް 12 ނުކުތާގެ ޕްލޭނެއް ހުށަހަޅާފައެވެ. ނަމަވެސް ހުޅަނގުން ގަބޫލު ކުރާ ގޮތުގައި، ޗައިނާ އަކީ ރަޝިއާގެ ބައިވެރިއަކަށް ވުމުގެ އިތުރުން ރަޝިއާ ކުށްވެރިކުރަން ނުކުރޭ ބަޔަކަށް ވާއިރު، ޗައިނާގެ ސުލްހައިގެ ޕްލޭނަކީ ކާމިޔާބުވާނެ ޕްލޭނެއް ނޫނެވެ. އަދި އެ ޕްލޭނަށް އިތުބާރެއް ނެތް ކަމަށްވެސް އެމެރިކާއާއި ހުޅަނގުން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ ފެބްރުއަރީ 24 ގައި ރަޝިއާއިން ޔޫކްރައިނަށް އަރާ ފެށި ހަނގުރާމައިގައި ޔޫކްރައިންގެ އެތައް ސިޓީއެއް މިހާރުވަނީ ސުންނާފަތިވެފައެވެ. އެތައް މިލިއަން ބަޔަކު ވަނީ ޔޫކްރައިން ދޫކޮށް އެކި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ޔޫކްރައިން ހަނގުރާމަ އަކީ "ނުފެންނަ އަތްތަކަކުން" ހިންގާ ހަނގުރާމައެއް ކަމަށް ކިން ވިދާޅުވި އިރު، އެ ހަނގުރާމަ އަށް އެންމެ ބޮޑަށް މަދަރު ދެނީ އެމެރިކާ އާއި ޔޫރަޕާއި، އީޔޫއިންނެވެ. އަސްކަރީ ހަތިޔާރާއި ފައިސާ އާއި ޓެކްނޮލޮޖީގެ ރޮގުން ޔޫކްރައިނަށް އެހީވަމުން ދާ އިރު، މިހާރު އެފަރާތްތަކުން ތައްޔާރުވަމުން ދަނީ، އެންމެ ޒަމާނީ ބަރުހަތިޔާރު ޔޫކްރައިނަށް ފޮނުވާ ރަޝިއާ ބަލިކުރުމުގެ އޮޕަރޭޝަން ފުޅާ ކުރުމަށެވެ.

ޔޫކްރައިން ހަނގުރާމަ އާ އެކު، ރަޝިއާ އެކަހެރިކޮށް ދުނިޔެއާ ވަކި ކޮށްލަން އެމެރިކާ އާއި ހުޅަނގުން ކުރާ މަސައްކަތް އަދި ކާމިޔާބު ވެފައި ނުވަނީ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމު ކަމުގައި ވާ ޗައިނާ އާއި އިންޑިއާ އަދި އެފްރިކާއިން ރަޝިއާ އާއެކު ކުރާ ފިޔަފާރިއާއި ބާއްވާ ގުޅުންތައް އިހުނަށް ވުރެ ފުޅާކޮށްފައި ވާތީއެވެ.

ރަޝިއާއިން ހެޔޮ އަގުގައި އެގައުމުތަކަށް ތެލާއި، އެނޫންވެސް ކަބޯތަކެއްޗާއި އަދި އަސްކަރީ އެހީ ލިބޭ އިރު، އެ ގައުމުތަކުން ފުރުސަތުގެ ބޭނުން ހިފާ އިގުތިސޯދީގޮތުން ކުރިއަރައިގެން ދާ އިރު، އެމެރިކާ އާއި ހުޅަނގަށް ގިނަ ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

ހަނގުރާމައިގެ ކުރިން ހުޅަނގުން ބަރޯސާވެފައި އޮތީ ރަޝިއާގެ ތެލާއި ނެޗުރަލް ގޭހަށެވެ. ހަނގުރާމައާ އެކު އެ މަގު ބައްދުވުމުން ހުޅަނގަށް ތަހަންމަލް ކުރަން ޖެހުނު ތަދުގަނޑުން އަދިވެސް އަރައިގަނެވިފައި ނުވާ އިރު، އދ މެދުވެރިކޮށް ރަޝިއާއަށް އަޅަން ލޮބީ ކުރާ ފިޔަވަޅުތައްވެސް ޗައިނާ އާއި ރަޝިއާގެ ވީޓޯ ބާރުގެ ކުރިމަތީގައި ކާމިޔާބުވާގޮތެއް ނުވެއެވެ.

ޔޫކްރައިން ހަނގުރާމައިން ބޭރުން ވެސް ޗައިނާ އަކީ، އެމެރިކާ އާއި ހުޅަނގަށް އޮތް ބިރެކެވެ. އަދި އިންޑިއާއަށްވެސް އެ ބިރު އޮވެއެވެ. އަސްކަރީ ގޮތުންނާއި އިގްތިސޯދީ ގޮތުން ޗައިނާ އިނދަޖައްސާލަން އެފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ކިން ވަނީ، ޗައިނާ މައްޗަށް އެމެރިކާއިން ކުރާ ގިނަ ތުހުމަތުތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމެރިކާއިން އަދި ކޮންމެ އެއްޗެއް ކިޔަސް، ޔޫކްރައިނަށްވެސް އަދި ރަޝިއާއަށް ވެސް އެހީއެއް ދެންޏާ ދޭކަން އެނގޭނީ ޗައިނާއަށް ކަމަށާއި، އެ ދެގައުމުން ކުރެ ގައުމަކަށް ހަނގުރާމައާ ގުޅިގެން އަސްކަރީ އެހީއެއް ނުދޭ ކަމަށެވެ.