އއ އަތޮޅު ކުރަމަތި އައިލެންޑް ރިސޯޓުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި ކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އއ އަތޮޅު ރިސޯޓަކުން ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް، ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު 12:13 ހާއިރު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރަށް ފުލުހުން ބުނީ މަރުވެފައިވަނީ އެ ރިސޯޓަށް ދިޔަ 62 އަހަރުގެ ޖަރުމަނުގެ ފިރިހެނެއް ކަމަށާއި އެ މީހާ އއ. ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވި މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައި ވާއިރު ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގިނަ ހާދިސާތަކަކާ ދިމާވެފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ ވަނީ މަރުވެފައެވެ.