މާލޭ ސިޓީ ކައުންސިލުން، އިއުލާން ނުކޮށް އަދި ބިޑުނުކޮށް، ކޮމިޓީ ތެރެއިން ކަންކަން ކުރަން މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ޒާތުގެ ގޮތް ނޭނގޭ އިތުރު ކަންކަން ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން އަމަލު ކުރަމުން އަންނަ ގޮތްތައް ހާމަކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައި ހަގީގަތް އޮޅޭގޮތަށް މޭޔަރު ދެއްވި ޖަވާބުތައް ކަމަށް ފާހަގަ ކުރައްވައި ނަހުލާ ވިދާޅުވީ، ޝީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލުން ބުނި ނަމަވެސް، އެ މުއްދަތު އިތުރުކޮށްފައި ވަނީ އިއުލާނު ވެސް ނުކޮން، ބިޑުކުރުމަކާ ވެސް ނުލައި ކަމަށެވެ. ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނަ އިރު، ވަކި ބިމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅައި ކައުންސިލްގެ ތަޅުމަށް ގެންނަން ޖެހޭ އިރު، ޝީޝިއާ ބިމުގެ މައްސަލަ ކައުންސިލުގެ ރަސްމީ ބައްދަލުވުމަށް ހުށަހަޅާފައި ނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާހާނާ ބަރިއެއް އެޅުމަށް ބޭނުންވާ ކަމަށް އޭނާ ހުށަހެޅުއްވި ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަން ބަޖެޓު ނެތް ކަމަށް ބުނެ، ކައުންސިލުން އެ ފާހާނާ ބަރި އެޅުމަށް އެއްބަސްވެ ޝިޝީއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު ބިޑު ކުރުމަކާ ނުލައި އަވަސް އަރުވާލައިގެން އިތުރުކޮށްފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ހަމައެއާއެކު ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވޭތޯޯ ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، އެ މައްސަލަ ވެސް ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ރެޑްވޭވާއެކު އެއްބަސްވުމެއް ހަދާފައިވާ ކަން އޭނާއަށް އެނގިވަޑައިގެންފައި ވަނީ މީގެ ތިން ދުވަސް ކުރިން މޭޔަރު ވިދާޅުވުމުން ކަމަށެވެ. ނަމަވެސް ރެޑްވޭވާއެކު އެގްރީމަންޓް ހެދި ބިމުގެ ސީދާ ލޮކޭޝަން ކަނޑައަޅަން ކައުންސިލްގެ ތަޅުމަށް ހުށަހަޅާފައި ނުވާ ކަމަށާއި ރެޑްވޭވަށް ބިމެއް ދޭން ނިންމިކަން އޭނާއަށް ނާންގަވާ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. އޭނާގެ ބައިވެރިވުމެއް ނެތި ހެދި އެއްބަސްވުމުން ވެސް އަދި މިހާތަނަށް ފެނިވަޑައިގެންފައި ނުވާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ގާނޫނުން، ކައުންސިލަށް އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ވިލިމާލެއާ ގުޅިގެން ދާއިރާގެ ކައުންސިލަރާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެ ފުރުސަތު އޭނާއަށް ދީފައި ނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތަކަކީ މައުލޫމާތު ފޯރުކޮށް ދިނުމާއި ރައްޔިތުންނަށް ޖަވާބުދާރީ ވާން ކައުންސިލުން ބާއްވަން ޖެހޭ ބައްދަލުވެއް ކަމަށާއި ރައްޔިތުން ކުރާ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭނެ ފަދަ ހަރުކަށި އުސޫލެއް އޮވެގެން ނުވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އަދި ވިލިމާލެއާ ގުޅިގެން ކުރި ސުވާލަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ގަސްތުގައި އަޑު ކަނޑާލާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުން ކުރި ބައެއް ސުވާލުތަކަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް މޭޔަރު ޖަވާބު ދެއްވަފައި ވާ ކަމަށް ވެސް ނަހުލާ ތުހުމަތު ކުރެއްވިއެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށް ފަހު ކައުންސިލުގެ ވިލިމާލެ ކޮމިޓީގެ މުގައްރިރުކަމުން އޭނާ ވަކިކޮށްފައި ވަނީ ވެސް އުސޫލުން ބޭރުން ކަމަށާއި، އޭނާ ވަކިކުރީ އެ ކޮމިޓީ ބޭނުން ގޮތަކަށް އެކުލަވާލައި ކޮމިޓީގެ ތެރެއިން ދާއިރާގެ ކައުންސިލަރަށް ނާންގައި އުސޫލުން ބޭރުން ކަންކަން ނިންމުމަށް ކަމަށެވެ. އަދި ކައުންސިލްގެ ރަސްމީ ޖަލްސާތަކަކީ ލައިވް ކުރާ ޖަލްސާތަކެއް ކަމުން، އެ ޖަލްސާއަށް ހުށަނާޅައި ބައެއް ކަންކަން ހިތުހުރި ގޮތަކަށް ނިންމުމަށް ކޮމިޓީއަށް ހުށަހަޅާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.