ނިއުދިއްލީ އިންޑިއާ:
ބައްޕަ ސަލީމް ހާންގެ ހަބަރެއް ނުވެގެން 27 އަހަރުގެ ދަރިފުޅު ސައިމާ ސަލީމް، ނިއުދިއްލީގެ ކޯޓެއްގެ ބޭރުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އިންނަތާ އެތައް ގަޑި އިރެއް ވެއްޖެއެވެ. ސައިމާގެ ބައްޕަ، 49 އަހަރުގެ ސަލީމް ހާން ހައްޔަރު ކުރީ މީގެ 3 އަހަރު ކުރިން ވެރިރަށް ދިއްލީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ.
މި މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުންތަކުގައި 53 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ މުސްލިމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ކަފާލާތުގެ ދަށުން ހާން ދޫކޮށްލިއެވެ. ނަމަވެސް އެއްކޮށް ދޫކޮށްލުމަށް ހުރަސް އެޅި މައްސަލަ ދިގުލައިގެން ދަނީ އިންޑިއާގައި ފަހުން ހެދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އޭނާގެ މައްސަލަ ބަލަމުން ދާތީއެވެ. ހާން އާއި އަދި އިތުރު ބައެއްގެ މައްޗަށް ކުރަނީ ހަމަނުޖެހުން ހިންގަން ރޭވިކަމުގެ ދައުވާއެވެ.
ހާންގެ ދަރިފުޅު ސައިމާ އަލްޖަޒީރާއަށް ބުނިގޮތުގައި، އޭނާގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށާއި، ބައްޕައަކީ މީހުންނަށް އެހީތެރިވުމުގައި އުޅޭ ސޯޝަލްވޯކަރެއް ކަމުގައެވެ. އަދި ބައްޕައަށް ފުލުހުން ޓާގެޓްކުރީ އެހެންވެ ކަމުގައެވެ. އެމީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރިއަސް ބައްޕަގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސިޔާސީ އަދި ދީނީ ފިކުރުގެ ސަބަބުން އުފުލާފައިވާ ދައުވާއެއް ކަން އެންމެންނަށް ވެސް އިނގޭނެކަމުގައި ވެސް ސައިމާ ބުންޏެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނާއި ފާޑުކިޔާ މީހުން، އަލަށް އުފެއްދި މި ގާނޫނަކީ ހަރުކަށި އަދި މުސްލިމުންނަށް ސީދާ އަމާޒުކޮށްގެން ހެދި ގާނޫނެއް ކަމުގައި ބުނާއިރު، ވެރިކަން ކުރާ ބީޖޭޕީ އިން ވަނީ މިގާނޫނަށް އިތުރު އިސްލާހުތައް ގެނެސް، ވަކި ވަކި ފަރުދުންގެ މައްޗަށް ވެސް "ޓެރަރިސްޓް" ލޭބަލް ކުރެވިދާނޭ ކަމަށް ނިންމައި އަދި ގާނޫނުގެ ދަށުން ދައުވާ އުފުލޭ މީހުން ގިނަ އަހަރު ތަކެއް ވަންދެން ހުކުމް ކުރުމެއް ނެތި ޖަލުގައި ބޭތިއްބޭނޭ ގޮތަށް ފާސްކޮށްފައެވެ. ކުރިން "ޓެރަރިސްޓް" މި ލޭބަލް ދެވެނީ ހަމަ އެކަނި ގްރޫޕްތަކާއި ޖަމްއިއްޔާތަކަށް ކަންވެސް ފާހަގަ ކޮށްލެވެއެވެ.
2022 ވަނަ އަހަރު އިންޑިއާ ސަރުކާރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަންގާފައިވާ ގޮތުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މިހާތަނަށް 4700 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ 149 މީހުންގެ މައްޗަށެވެ. އެއީ ހައްޔަރު ކުރި މީހުންގެ ނިސްބަތުން އެންމެ 3 ޕަސެންޓެވެ.
ބޮޑު ހަމަނުޖެހުމެއް ހިންގަން ރޭވިކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ ދިއްލީގެ ސްކޫލުތަކުގެ ސްޓޫޑެންޓް ގްރޫޕްތަކުގެ ލީޑަރުންނާއި، ސިޔާސީ އެކްޓިވިސްޓުން ހިމެނޭ ގޮތުން 18 މުސްލިމުންގެ މައްޗަށް އަލަށް އެކުލަވާލި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ. ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއް ކަމުގައިވާ ކަވީތާ ކްރިޝްނާ އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ހައްޔަރު ކޮށްފައިވާ މީހުންނަށް ކުރާ ދައުވާތަކުން ބައެއް ދައުވާ އަނބުރާ ނެގިޔަސް އެމީހުން ޖަލުގައި ގިނަ ދުވަސް ހޭދަކުރަން ޖެހޭ ސަބަބަކީ ޔޫއޭޕީއޭ ފަދަ ހަރުކަށި ގާނޫނެއްގެ ދަށުން ދައުވާ ކޮށްފައި ވާތީއެވެ.
އެންޓި ރެރަރިޒަމް ގާނޫނެކޭ ބުންޏަސް ޔޫއޭޕީއޭ އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ސީދާ މުސްލިމުންނަށް އަމާޒުކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި މިގާނޫނުގެ ދަށުން ދައުވާ ކުރެވޭ ފަރާތްތައް ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ވެސް އުނދަގޫ ކަމަކަށް ވާތީ ފުލުހުން ތަހުގީގު ކުރަނީ ކަމުގައި ބުނެ އެމީހުންގެ ޝަރީއަތް ވެސް އެތައް ދުވަހަކަށް ދިގުކޮށްލައެވެ.
ދިއްލީގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ދައުވާކުރުމުގައި ދީނީ ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށް ސަލީމް ބުންޏެވެ. ދާދި ފަހުން އިންޑިއާގައި ފާސްކުރި ސިޓިޒަންޝިޕްގެ ގާނޫނާ ގުޅޭ ހިޔާލުތަފާތުވުންތައް އުފެދި މުސްލިމުން ކުރި ސުލްހަވެރިކަމުގެ މުޒާހަރާތައް ހޫނުވީ އެމީހުންނަށް އަމާޒުކޮށް ކަނާތު ފިޔައިގެ ހިންދޫ ޖަމާއަތްތަކުން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މި މުޒާހަރާތަކުން ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތުކޮށް ފުލުހުން ގިނަ އަދަދެއްގެ މުސްލިމުން ފްރޭމްކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ތުހުމަތުކުރެއެވެ.
ޑިސެމްބަރު 2014ގެ ކުރިންސުރެ އިންޑިއާގައި ދިރިއުޅެމުން އަންނަ އަވަށްޓެރި ގައުމުތަކުގެ މުސްލިމް ނޫން އެހެން ދީން ތަކުގެ މީހުންނަށް އިންޑިއާ ރައްޔިތުކަން ލިބޭ ގޮތަށް ހެދި މިގާނޫނަކީ ނަސްލީ ތަފާތުކުރުން ބޮޑު ގާނޫނެއް ކަމަށް އދ ގެ ކަމާ ބެހޭ ތަޖުރިބާކާރުން ވެސް ވަނީ ވިދާޅުވެފައެވެ.
މިގާނޫނު ފާސްކުރުމާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މުސްލިމުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މި މުޒާހަރާތަކާ ދިމާކޮށް ވެރިކަންކުރާ ފަރާތްތަކުން ވަނީ މުސްލިމުންނަށް އަނިޔާކުރުމަށާއި ގެއްލުން ދިނުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާފައިކަނަށް އަލްޖަޒީރާގައި ބުނެއެވެ. މީގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތައް އުފެދި މުސްލިމުންގެ ގިނަ މުދާތަކަށް ގެއްލުންދީ، ގެތަކުގައި ހުޅުޖަހައި މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ލިބުމުގެ ސަބަބުން އެތައް ހާސް މުސްލިމުންނެއް ގެދޮރު ދޫކޮށް ދާންވެސް ޖެހުނެވެ.
މުޒާހަރާތައް ހޫނުކޮށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ލީޑަރުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް ނުހައްގުން ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރި މުސްލިމުންނެވެ.
އެމެރިކާގައި މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗުން ދިއްލީގެ ހަމަނުޖެހުމާ ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގުގައި ވަކިކޮޅަކަށް ބުރަވުމާއި ނަސްލީ އަދި ދީނީ ތަފާތުކުރުން ވަރަށް ބޮޑުކަމަށާއި، އެއްވެސް ހެއްކެއް ނެތި ނުހައްގުން ގިނަބަޔަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. ދިއްލީގެ ފުލުހުންގެ މައްޗައް ވެސް ވަނީ މުސްލިމުންނަށް އަމާޒުކޮށް އެކި އެކި އަނިޔާވެރި އަމަލުތައް ހިންގި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. އަދި މުސްލިމުންގެ މުދަލަށް ގެއްލުން ދިނުމުގައި ހަރުކަށި ހިންދޫ އިންނަށް ފުލުހުން ވާގިވެރިވެފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
ދިއްލީ ހަމަނުޖެހުމުގެ ތެރެއިން ނުހައްގުން ޖަލަށް ލައިފައި ވާ 30 އަހަރުގެ ގުލްފިޝާން ފާތިމާގެ ބައްޕަ ބުނިގޮތުގައި އޭނާގެ ދަރިފުޅު ހައްޔަރުކުރީ ސުލްހަވެރިކަމާ އެކު އަންހެނުން ކުރިޔަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއިންނެވެ. އަދި ހައްޔަރު ކުރުމަށް ފަހު ފާތިމާގެ މައްޗަށް ހަމަނުޖެހުން ހިންގުމާއި، މީހުން މެރުމާއި، އަނިޔާވެރިކަމަށް ހިތްވަރު ދިނުން ފަދަ އެތައް ދައުވާއެއް ވަނީ އުފުލާފައެވެ.
އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ފާތިމާގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅު ޖަލުގައި ގެންގުޅޭތާ މިހާރު 3 އަހަރު ވެއްޖެއެވެ. އަދި ސަރުކާރުން ބޭނުންވަނީ އެމީހުން އެކަން ސިއްރުކުރުމަށް ކަމަށާއި އަދި އެއްވެސް ސަބަބެއް ނެތި އެމީހުންނަށް އުނދަގޫކޮށް ބިރު ދައްކާ ކަމުގައެވެ. އެއީ އެމީހުންނަކީ މުސްލިމުންނަށް ވީމަތޯ އޭނާ ސުވާލުކުރިއެވެ.
ހާން ފަދައިން ފާތިމާ ވެސް ވަނީ އެކި ފަހަރު މަތިން ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާތީ އެމީހުން ޖަލުން ނެރެވޭ ގޮތެއް ވަނީ ނުވެފައެވެ. އެކްޓިވިސްޓުން ބުނާގޮތުން ފާތިމާ އަދި ހާން ފަދަ މީހުންނަށް އަނިޔާ ލިބެނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުހެދުމުގެ ސަބަބުންނެވެ. ގިނަ އަދަދެއްގެ ތައުލީމީ ޒުވާނުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޖަލުތަކުގައި އެތައް އަހަރުތަކެއް ވަންދެން ޝަރީއަތް ނުފައްޓާ ވެސް އެބަތިބި ކަމަށާއި، ނަމަވެސް ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކި މީހުން މުޖްތަމައުގައި އުޅޭނެ ގޮތަށް އުޅެން ދޫކުރެވިފައިވާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ވަނީ ބުނެފައެވެ. އަދި ގިނަ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކަމުގައިވެސް ވަނީ ބުނެފައެވެ.