ވިލިމާލޭ ފަޅުން ނުކުމެގެން ދިޔަ ތެޔޮބޯޓެއްގައި ދިޔަ ކަމަށް ބުނާ މުހައްމަދު ލިޓަން މަރާލީ، މޫދަށް ވައްޓާލުމަށްފަހު ކަމަށާއި އެއަށްފަހު އޭނާގެ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މި މައްސަލާގައި ދައުވާ ލިބޭ މުހައްމަދު ނިޒާމް ނެގި ކަމަށް ދައުވާގައި ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު 28 ގައި ތެޔޮބޯތެއްގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް ޖެނުއަރީ 1 ވަނަ ދުވަހު އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
މިމައްސަލާގައި ޕީޖީން ވަނީ ނިޒާމްގެ މައްޗަށް 3 ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ގަސްދުގައި މީހަކުމެރުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ގިސާސްއާއި ދިޔަ
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދައުވާ. އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
- މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ. އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
ޕީޖީން ބުނީ، ލިޓޮން މަރާލާފައިވަނީ ލިޓަން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. އޭނާ މަރާލާފައިވަނީ ލިޓަންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީން ބުނެއެވެ.
-ޕީޖީން އިތުރަށް ބުނީ، ހެދޭކުރި ދޯނީގައި ހުރި ލިޓޮންގެ 51000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށެވެ.
މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ، ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.