ޔުނިވާސިޓީ ލެކްޗަރާއިންނަށް ދޭ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ. ހިރިލަންދޫއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ސްކޫލަށް 71 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރައަށް ގެނައި މި ބަދަލާ ގުޅިގެން މި މަހުން ފެށިގެން ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގައި މަސައްކަތް ކުރަމުން ލެކްޗަރާއިންނަށް ލިބޭނީ ބަދަލުގެނައި ބޮޑު މުސާރަ ކަމަށެވެ. އަދި މި ބަދަލަކީ 59 ޕަސެންޓުގެ އިތުރު ކުރުމެއް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަގާމު އަދި މުސާރައަށް އައިސްފައިވާ ބަދަލުތައް:

  • ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،700 ރުފިޔާއިން 26،000 ރުފިޔާއަށް ބޮޑުކޮށްފައި
  • ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000ރުފިޔާއަށް ބޮޑުކޮށްފައި
  • ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް ބޮޑުކޮށްފައި
  • ސީނިއާ ލެކްޗަރާ: 20،830 ރުފިޔާއިން 34،000ރުފިޔާއަށް ބޮޑުކޮށްފައި
  • ފެކަލްޓީގެ ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް ބޮޑުކޮށްފައިި
  • އެސިސްޓެންޓު ޕްރޮފެސާ: 23،500ރުފިޔާއިން 39،400ރުފިޔާއަށް ބޮޑުކޮށްފައި
  • އެސޯސިއޭޓް ޕްރޮފެސާ: 26،000 ރުފިޔާއިން 45،000 ރުފިޔާއަށް ބޮޑުކޮށްފައި
  • ރެޖިސްޓްރާ: 32،000 ރުފިޔާއިން 42،000 ރުފިޔާއަށް ބޮޑުކޮށްފައި
  • ޑެޕިއުޓީ ވައިސް ޗާާންސެލާ: 39،000ރުފިޔާއިން 48،000 ރުފިޔާއަށް ބޮޑުކޮށްފައި
  • ވައިސް ޗާންސަލާ: 39،000ރުފިޔާއިން 48،000 ރުފިޔާއަށް ބޮޑުކޮށްފައި

ސަރުކާރުން ގެންނަ މި ބަދަލާއެކު ޖުމުލަ 767 މުއައްޒަފެއްގެ މުސާރައަށް ބަދަލުވާނެކަން ފާހަގަކޮށް ރައީސް ސޯލހް ވިދާޅުވީ އެކަމަށްޓަކައި ދައުލަތުން އަހަރަކު 62 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. އަދި މި ގެނެވުނު ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވާސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިން ދޭ މަރުކަޒުތަކުން ފެންނާނެ ކަމަށް ވެސްް ރައީސް ވިދާޅުވި އެވެެ.

ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރާނެކަން ރައީސް ސޯލިހް އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގައެވެ. މީގެ އިތުރަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަންނަ މޭ މަހުގައި ބޮޑު ކޮށްދެއްވާނެކަމަށްވެސް ރިޔާސީ ބަޔާނުގައިވެއެވެ.