ފަލަސްތީނުގައި 5،500 މީހުން ދިރިއުޅޭ ޓައުނެއް ކަމަށް ވާ ހުވާރާ ނައްތާލަން ހައްދުފަހަނައަޅާފައިވާ ކަނާއަތުފިޔައިގެ ޔަހޫދީ ފިނޭންސް މިނިސްޓަރު ގޮވާލައިފިއެވެ.

ކަނާއަތުފިޔައިގެ ޒަޔޮނިސްޓް ޕާޓީގެ ލީޑަރުކަންވެސް ކުރާ ބެޒާލޭ ސްމޮރިޗް މިކަމަށް ގޮވާލާ ބުނީ، އެ ޓަނުން އެއްކޮށް ފުހެލަން ޖެހޭ ކަމަަށެވެ. އޭނާ މިހެން ބުނެ އަޑުއުފުލީ، ހުވާރާ ސަރަހައްދުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އާއިލާތަކުގެ މީހުންނަށް އަމާޒުކޮށް ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާއެއްގައި 2 މީހަކު މަރުމާ ގުޅިގެންނެވެ. އެކުރިމަތިލުމުގައި ފަލަސްތީނުގެ މުޖާހިދަކު ޝަހީދު ވުމުގެ އިތުރުން ޔަހޫދީން ވަނީ އެތައް ބަޔަކު ޒަހަމް ކޮށްލައި، ގެތަކުގައި ރޯކޮށްލުމުގެ އިތުރުން ކާރުތަކާއި ވެހިކަލްތައްވެސް އަންދާލާފައެވެ.

އޭނާގެ މި ބަޔާނާ ގުޅިގެން އެމެރިކާއިން ވަނީ، އެއީ ޒިންމާދާރުކަމެއް ނެތް އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ބުނެ ރައްދު ދީފައެވެ. އަދި ޔަހޫދީ މިނިސްޓަރު ދެއްކި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް ސްޓޭޑް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ. މީގެ އިތުރުން ސްޓޭޓް ޑިޕާޓުމަންޓުން ވަނީ ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާވެސް ކުށްވެރި ކޮށްފައެވެ.

"އަހަރެން ގޮވާލަން ނަތަންޔާހޫއަށާއި އިޒްރޭލުގެ އޮފިޝަލުންނަށް، ފިނޭންސް މިނިސްޓަރުގެ އެ ކޮމެންޓަށް ދެކޮޅުހަދާކަން އާންމުކޮށް ހާމަކުރަން"
ނެޑް ޕަރައިސް

މި މައްސަލައިގައި ޔަހޫދީ އޮފިޝަލުން ބުނެފައި ވަނީ، ފަލަސްތީނުގެ މުޖާހިދުންގެ އެފަދަ ހަމަލާތަކަށް ޔަހޫދީ ފޯސްތައް ފުރިހަމަ ތައްޔާރު ކުރެވިފައި ނުވާކަމަށާއި، އެފަދަ ސިލްސިލާ ހަމަލާތަކަކީ ރޭވިގެން ހިންގާ ހަމަލާތަކެއް ކަމަށެވެ. އަދި ޔަހޫދީންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށާއި ނަމަވެސް އާންމުންތަކެއް މަރާ ނައްތާލުމަކީ އިޒްރޭލުގެ ސިޔާސަތެއް ނޫންކަމަށެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު

ޔަހޫދީ ސިފައިން ފަލަސްތީނުގެ އެތަން މިތަނަށް މިސައިލާއި ޑްރޯން ހަމަލާ ދޭތެރެދޭތެރެއިން ދީ އެތައް ބަޔަކު ޝަހީދު ކުރަމުން ދާ އިރު، ދުނިޔޭގެ ވެރިން އިޒްރޭލު ކުށްވެރިކުރުމުގައި ވަނީ ނުކުޅެދިފައެވެ. އަދި އިޒްރޭލުގެ އުދުވާނަށް ރައްދު ދިނުމުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތް ފަދަ ޖަމާއަތްތަކަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިފަހުން ޔަހޫދީ އާއިލާތަކަށް އަމާޒުވާ މިފަދަ ހަމަލާތަކަކީ ވަކިވަކިން ހަރަކާތްތެރިވާ މުޖާހިދުން ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކަށް ވަދެ ދޭ ހަމަލާތަކެވެ. އެގޮތަށް ހަމަލާތައް ދިނުމުން، ހަމަލާގެ ކުރިން ދެނެގަންނަށް ދަތިވުމާއި ދިފާއު އުފެއްދުމަށް ޔަހޫދީ އިންޓެލިޖަންސަށް ވެސް ވަނީ ބޮޑު ގޮންޖެހުމަކަށެވެ.