ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް ނަމަކަށް ކިޔާ ފިރިހެނަކު ގެއްލިގެން ހޯދަމުން ދާ ކަމަށް އާއިލާއިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ ބޭބެ ބުނީ، އެންމެ ފަހުން އާރިފްގެ ހަބަރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ހިސާބުގައި ކަމަށެވެ. ކަންނެލި އޮޑިއެއްގައި މަސައްކަތް ކުރާ އާރިފަކީ ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރާ މީހެއް ކަމަށާއި މަސްވެރި ކަމުގައި ގިނަ ދުހަވު ރަށުން ބޭރުގައި އުޅޭ އިރު ދޭތެރެދޭތެރެއިން މާލެއަށް ވެސް އޭނާ ދާ ކަމަށް އާއިލާއިން ބުނެއެވެ.

އަދި އޭނާގެ ބޭބެއަށް ދޭތެރެ ދޭތެރެއިން ގުޅައިގެން ހަބަރުވަނީ ފައިސާގެ ދަތިކަން ދިމާވުމުން ފައިސާ ހޯދުމަށް ކަމަށާއި ފޯނަށް ރީލޯޑް ކޮށްލަން ޖެހިއްޖެ ހާލަތްތަކުގައި ކަމަށް އޭނާގެ ބޭބެ ބުނެއެވެ. ނޮވެމްބަރު 20 ގެ ފަހުން ހަބަރެއް ނުވީ، މިހާރު ފައިސާ ލިބޭތީ ކަމަށް ބަލައިގެން ހުރި ކަމަށާއި ނަމަވެސް މާ ގިނަ ދުވަސް ވުމުން އޭނާގެ ފޯނަށް ގުޅި ކަމަށް ބޭބެ ބުނެއެވެ. ނަމަވެސް އެ ފޯނަށް ގުޅޭ ގޮތް ނުވުމުންނާއި މިހާރު މުޖުތަމައުގައި ހިންގާ ބައެއް ކަންކަން (ކުށުގެ ވެށި) ފެނި ކަންތައް ބޮޑުވީ ކަމަށް ބޭބެ ބުނެއެވެ.

އެގޮތުން މީގެ ދެ ހަފްތާ ކުރިން ފުލުހުންނަށް ވެސް މައްސަލަ ހުށަހެޅި ކަމަށާއި ފުލުހުން ވެސް މިހާރު އާރިފް ހޯދުމުގެ މަސައްކަތް ކުރަުންދާ ކަމަށް އާއިލާއިން ބުނެއެވެ. އަދި މިއަދާ ހަމައަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި އެހެންވެ ފޭސްބުކްގައި ޕޯސްޓެއް ޖެހީ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

އުމުރުން 40 އަހަރުން މަތީގެ އަލީ އާރިފް، މީގެ ކުރިން ކައިވެންނެއް ކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެއެވެ. އާއިލާއިން އެދެނީ އާރިފް ހެޔޮހާލުގައި ހުއްޓާ ފެނުމަށެވެ.