މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އެމްވީ ރަން ސްޕޮންސާ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރަކާއި އުފަލެއް ކަމަށެވެ. މި ރަން ސްޕޮންސާ ކުރުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީއެފްޖީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާނެވެ. އެ ރަސްމިއްޔާތުގައި ޓީއެފްޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެމްވީ ރަންގެ ބްރޭންޑިން އެމްޑަބްލިއުއެސްސީން އަލަށް ތައާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި، "އާރޯ އެމްވީ ރަން" ގެ ނަމުގައި ޓައިޓެލް ސްޕޮންސާޝިޕް ވަނީ ދީފައެވެ. މިއާއެކު، ޓީއެފްޖީގެ ފަރާތުން އިންތިޒާމް ކުރާ ބޮޑު 5 ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސޮޕޮންސާ އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ ނަގާފައެވެ.

ޓީއެފްޖީގެ ފަރާތުން، މިދިޔަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރު ފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމްވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާ ދުވުމުގެ ހަރަކާތެއެވެ. މި އަހަރު "އާރޯ އެމްވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 7 އިން ފެށިގެން، ހުޅުމާލޭގައެވެ.

ޖުމްލަ 5 ކިލޯ މީޓަރަށް ދުވަން ކަނޑައަޅާފައިވާ މިރަން ގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީއެފްޖީގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، 1 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7500 ރުފިޔާ، 2 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4500 ރުފިޔާ އަދި 3 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރު އަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އަދި އެހެނިހެން އިނާމުތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް ތައާރަފް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ.