އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލު ކުރައްވައިފިއެވެ.

ޗަންޕާއާ ބައްދަލު ކުރެއްވުމަށް ވަޑައިގަތީ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ، ހުޅުމާލޭ ދާއިރާގެ މެންބަރު، އަދި ރައީސް ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އުއްޗުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުގައި ކުރެވުނު މަޝްވާރާތަކާ ގުޅޭ ގޮތުން ފަހުން މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ނިޔާޒް ވިދާޅުވީ، އުއްޗުއަކީ ކަންކަން ނިންމުމުގައި ގައުމީ މަސްލަހަތު އިސްކުރައްވާނެ ބޭފުޅެއް ކަމުގެ ޔަގީން ކަން އަބަދުވެސް އޮންނަ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ވަޑައިގަންނަވަނީ މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތާއީދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެ ގޮތުން މިހާތަނަށް ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އަދާލާތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެމްއާރްއެމުން މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލައި އެތެރޭގެ މަޝްވަރާތައް ފަށާފައެވެ. ނަމަވެސް އަދި ރައީސް ސޯލިހާއެކު ކޯލިޝަންގައި ދާކަށް ނުނިންމައެވެ.

ރާއްޖޭގައި މިހާރު ތިބި ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެއްވެސް ވާހަކައެއް މީޑިއާ އަށް ހިހއްސާ ކޮށްފައެއް ނުވެއެވެ. ޖޭޕީގެ ލީޑަރު ގާސިމް، ރައީސް ސޯލިހާ ބައްދަލުކުރައްވާފައިވާ އިރު، އޭގެ ކުރިން ރައީސްގެ މަންދޫބުން ވަނީ ގާސިމް އާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވެސް ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް މިހާތަަނަށް ޖޭޕީގެ ސްޓޭންޑް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ނިކުންނާނެ ކަމަށާއި ނިކުންނާނީ ވަކިންތޯ، ނުވަތަ ކޯލިޝަނެއްގައިތޯ އަދި ނުނިންމައެވެ.

އެހެންކަމުން މިހާރު ރައީސް ސޯލިހަށް ތާއީދު ކުރާ ޕާތީތަކުގެ ތެރޭގައި ހިމެނެނީ އަދާލާތުގެ އިތުރުން ދާދި ފަހުން ރައީސް ސޯލިހުގެ ކޯލިޝަނާ ގުޅުނު ސަން ޓްރެވަލް ސިޔާމްގެ އެމްޑީއޭއެވެ.