ދުނިޔެއަކީ ކޮން ކަހަލަ ތަނެއް ހެއްޔެވެ؟ ދުނިޔޭގައި ހޭދަ ކުރާ މަދު ދުވަސްކޮޅު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ގަދަ އަޅާ މަސައްކަތް ކުރަނީ ވަގުތީ އުފާތަކެއް ހާސިލް ކުރުމަށެވެ. އުފަލާއި އަރާމެވެ. ފައިސާ އާއި ތަނަވަސް ކަމެވެ. ނުވަތަ ތިމާ އެންމެ ލޯބިވާ މީހަކު ހާސިލް ކުރުމެވެ.

ކުޑައިރުއްސުރެ ދެކެމުން ރާވަމުން އައި ހުވަފެންތަކެއްގައި ކުލަ ޖެއްސުމަށް އެތައް ގުރުބާނީތަކެއްވެ، އޮހޮރުވާތަކުގެ ނަތީޖާގެ ފޮނި މީރުކަން ހޯދަން އެތައް އަޒުމްތަކެއް ކަނޑައަޅައިގެން ކުރިއަށްދާ މީހުން މަދެއް ނޫނެވެ. އެގޮތުން އަހަރެން ވެސް އެތައް ހުވަފެންތަކެއް ދެކުނީމެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މި ދުނިޔެ މަތީ އެތައް ގުރުބާނީއެއްވެ އެތައް ބުރަ މަސައްކަތެއް ކުރީމެވެ.

އުމުރުން 35 އަހަރު ވީ އިރު އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖެހިއްޖޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބޭނުންވީ އުފާވެރި ޒަވާޖީ ހަޔާތެކެވެ. އުމުރުން 18 އަހަރުވީ އިރު އަހަރެން ކައިވެންޏެއް ކުރީ ލޯބިވާ މީހަކާ ދިމާވުމުން ކައިވެނި ފަސްކުރަން ބޭނުން ނުވީމައެވެ. އިތުރަށް ތައުލީމް އުނގެނި ދިރިއުޅުމުގެ އެހެން ކަންކަން ކައިވެންޏަށް ފަހުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ދެމީހުން ވެސް ގަބޫލު ކޮށްގެން ތިބެއެވެ.

އެއަށް ފަހު އެ ކައިވެންޏަށް ދެ ކުދިން ލިބުނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއާއެކު އަހަރެންގެ ހުވަފެނުގެ ދެވަނަަ މަރުހަލާ އަހަންނަށް ކާމިޔާބު ކުރެވުނީއެވެ. ވަރަށް ވެސް އުފާވެރިއެވެ. މިހާ ހިސާބަށް އައި އިރު، އަހަރެންގެ މި ކުޑަ އާއިލާ އަކީ ޕާފެކްޓް އާއިލާއެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ކައިވެންޏަށް 17 އަަހަރު ހޭދަވެގެން ދިޔަ އިރު ދެ މީހުން ކޯޅި އަރައިރުންވެ ޒުވާބު ކުރާ މަންޒަރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނަމަވެސް ކުނި ނުޖެހޭ ދިރިއުޅުމެއް އޮންނާނެ ހެއްޔެވެ. ޖެހޭ ކުނި ބުނި އެހެން މީހުންނަށް އިސްތިހާރުވާނެ ހެން ނުފެންނަ ގޮތަށް އެކަމެއް ހައްލުކޮށް ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމަކީ އަހަރެން ބޭނުންވި ގޮތެވެ. އަދި އެގޮތަށް ހުރިހާ ކަމެއް ކާމިޔާބު ކުރަމުން ދިޔައިރު ދިރިއުޅުމުގައި ޖައްސަމުން ދިޔަ ރީތި ކުލަތައް ފޭދިގެންދާ ތަން ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ.

މައްސަލަތައް ހައްލުކުރަން، އަހަރެންނަށް ކުރެވެން އޮތް ކަމެއްވިއްޔާ ދިޔައީ ކުރަމުންނެވެ. އަހަރެންގެ ފަރާތުން އެ ދިރިއުޅުމުގައި އުފާވެރިކަން ދަމަހައްޓަން ދެވެން އޮތީ އަހަރެންގެ ފުރާނަ ކަމުގައި ވާނަމަ ފުރާނަވެސް ގުރުބާން ކުރަން އަހަރެން ހުރީ ތައްޔާރަށެވެ.

*** *** *** *** *** ***

ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޮފީސް މޭޒު މަތީ ހުރި ފޮޓޯ ޕްރޭމަކަށް ބަލަހައްޓައިގެން ފުން ހިޔާލެއްގެ ތެރޭ އަހަރެންނަށް އިނދެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލަމުން ކެބިން ތެރެއަށް ބޯ ދިއްކޮށްލި ޒުވާނާއާ ދިމާއަށް ބަލާލަމުން އަހަރެން ހިނިތުންވާން މަސައްކަތް ކުރީ، މޫނު މަތިން ފާޅުވަމުން ދިޔަ އުދާސްކަން ފޮރުވަމުންނެވެ. އެއީ އަހަރެން އެއްވެސް މީހަކަށް ދައްކަން ބޭނުންވާ މޫނެއް ނޫނެވެ.

"މާޔާ.. ރިޕޯޓް ނިންމާފަ މެއިލް ކޮށްލާފަ އިންނާނެ. ދެން އަޅުގަނޑު ގެއަށް ގޮސްލަނީ. އޯކޭތޯ؟" ކެބިންގެ ދޮރުމަތީ ހުރި އައިޝާ ވާހަކަ ދެއްކީ އަދަބުވެރި ކަމާއެކުގައެވެ. އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން އޭނާ ކެބިން އިން ނިކުމެގެން ދިޔައީ އޮފީސް އިމާރާތުން ފޭބުމަށް ލިފްޓާ ދިމާއަށެވެ.

އެވަގުތު މުޅި އޮފީސްތެރެއިން ފެންނަމުން ދިޔައީ ހަމަހިމޭން ކަމެވެ. އެ ވަގުތު އެ އިމާރާތުގެ ތެރޭގައި ހުރީ އަހަރެން އެކަންޏެވެ. އައިޝާ ފޮނުވި މެއިލް ބަލާލަން މެއިލް ހުޅުވާލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ފެމިލީ ކޯޓުން ފޮނުވާފައިވާ މެއިލެކެވެ. އެއީ ކޮން މެއިލެއް އަހަންނަށް އެނގުނެވެ. ބޮލުގައި އުފެދުނު ރިހުމުން ދުރުހެލިވުމަށް ނިތްކުރީގައި އަތްޖައްސާލަމުން އަހަރެން އެ މެއިލް ހުޅުވާލަން އަވަސްވެގަތީމެވެ. އޮންލައިންކޮށް ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަންގާ ފޮނުވާފައި ޗިޓަށް ބަލާލި އިރު، މާދަމާ އަކީ އަހަރެންގެ ކައިވެނީގެ ފަހު ދުވަސް ކަން އެނގުނެވެ.

އުފާވެރި ދިރިއުޅުމެއް އާރާސްތު ކުރަމުން އައިސް އަހަރެންގެ ކައިވެނި ރޫޅެން މެދުވެރިވީ ސަބަބަކީ އެތައް ބަޔަކު ސުވާލު އުފައްދާނެ ކަމެއް ކަން ޔަގީނެވެ. އާއިލާ މީހުންނަށް ވެސް އަހަރެމެން ދެމަފިރިންގެ ދެމެދުގައި މާ ބޮޑެތި މައްސަލަތަކެއް ޖެހިގެން އުޅޭ ތަނެއް ނުފެންނާނެއެވެ.

މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަންކަމަށް ބަލާ ނަމަ އަހަރެން އެކަކު ވެސް ކުށްވެރި ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް ގަބޫލު ކުރެވުނު ގޮތުގައި ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހުނީ ދުނިޔެވީ އުފާތައް ހާސިލް ކުރުމުގައި ދެމީހުން ބިޒީވެގެން އުޅެން ޖެހުމުންނެވެ.

މާލޭގައި ކުއްޔަށް ދިރިއުޅުމަކީ ފައިސާ ނެތި ވާނެ ކަމެއް ނޫނެވެ. ދެމީހުން ވެސް ދާ އޮހޮރުވައިގެން މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައެވެ. ފައިސާ ހޯދަން ބުރަ މަސައްކަތް ކޮށް، ދަރިންގެ ކަންކަމަށް ވަގުތު ހުސްކޮށްލުމަށް ފަހު ދެމީހުން އެކަކު އަނެއްކަކަށް ވަގުތު ދެވުން މިންވަރު ކުޑަކަން އަހަރެންނަށް ގަބޫލު ކުރެވުނެވެ.

ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބޭ ކަމަށް އަހަރެން ގަބޫލު ކުރީ ދެމީހުންގެ މެދުގައި އޮތް ގުޅުން ހީނަރުވާން ކަން އަހަންނަށް ރޭކާލި ހިސާބުންނެވެ. އެހެން ކަން ދިމާވާންވީ ސަބަބެއް ވިސްނާ ވިސްނާ ވެސް އަހަރެންގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އަންބެއްގެ ގޮތުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަކަށް ކުރީމެވެ. ދަރިންގެ ކަންކަމުގައި ވެސް އެއްވެސް ފަރުވާ ކުޑަކަމެއް ނުބަހައްޓަމެވެ. މާލީ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ދުވަހު ފިރިމީހާއަށް އެހީވުމަށް އަހަރެން ވަޒީފާއަށް ވެސް ދިޔައީމެވެ. ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރަމުން އައީ ގޭގެ ހަރަދުތަކަަށެވެ.

މި ކަންކަމާ ބޯ ގޮވައިގެން ރައްޓެހިންނާ އަހަރެންގެ ކަންބޮޑުވުން ހިއްސާ ކުރީމެވެ. އެކި ހިޔާލުތައް ރައްޓެހިން ހިއްސާކުރަމުން ދިޔަ ނަމަވެސް ފިރިމީހާ ބޭވަފާތެރި ވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ދިރިއުޅުމަށް އުފާވެރިކަން ގެނައުމަށް ފިރިމީހާގެ ލޯބި ހޯދުމަށް އަހަރެން މަސައްކަތް ފެށީމެވެ. އެ ގޮތުން ކުރިއަށް ވުރެ ނަލަވެ، ރީތިވާން މަސައްކަތްކޮށް، ފެޝަނާ އެއްގޮތަށް އުޅެން އަހަރެން މަސައްކަތް ކުރީމެވެ. ކަޓު ގޮތަކަށް ހެނދުން އަޅައި އުޅެވޭތީ ފިރިމީހާ އަހަރެން މަތިން ފޫހިވަނީ ކަމަށް ހީކޮށެވެ. ނަމަވެސް އެކަމުން ވެސް ފިރިމީހާއަކަށް އެއްވެސް ބަދަލެއް ނައެވެ.

އެހިސާބުން އަހަރެންނަށް ދެން ހެދުނީ އިތުރު ގޯހެކެވެ. އެއީ ޝަކުވާ ކުރުމެވެ. އަހަރެންގެ ފަރާތުން އުނިކަމެއް ފެންނަނީ ތޯ ލޯބި ނުވަނީ ތޯ އަހާ އެތައް ސުވާލެއް ވެސް ކޮށްފީމެވެ. ފިރިމީހާ ބުނަމުން އައީ އަހަރެން ރަނގަޅު ކަަމަށެވެ. އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން އަހަރެންނާއެކު ވަގުތު ހޭދަ ނުކުރަނީ ކީއްވެތޯ ބަލަން ސުވާލު ކުރީމެވެ. ރޭގަނޑު ދަރިން ނިންދެވުމަށްފަހު ކޮޓަރިއަށް ވަދެ ދެމީހުން އެކަނިވާ ވަގުތުތަކުގައި ވެސް ފިރިމީހާ ފޯނާ ކުޅެން އޮތުމާއި ނޫނީ އަހަންނަށް ފުރަގަސްދީ ނިދަން އުޅޭތީ އެ ކަމާ ޝަކުވާ ކުރުމުން އޭނާ ބުނަނީ މާ ބޮޑަށް ވަރުބަލި ވަނީ ކަމަށެވެ.

ވާހަކަ ދައްކައިގެން ވެސް މައްސަލަ ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ކަމެއް ހައްލުވާ ގޮތެއް ނުވިއެވެ. އަހަރެން އެކަމާ ވަރަށް ފޫހިވިއެވެ. ޝަކުވާތައް ގިނަ ވަމުން ގޮސް އަހަންނަށް ރުޅިވެސް އިސްކުރެވެން ފެށުނެވެ. ރުޅިއައިސްގެން އެއްޗިހި ކިޔެނީ ފިރިމީހާއާ ދިމާއަކަށް ނޫނެވެ. ރުޅިގަނޑު ދެއްކެނީ ގޭގައި ތިބޭ މީހުންނަށް ނޫނީ ދަރިންނަށެވެ. މި ސިފަތަކަކީ އެއްގޮތަކަށް ވެސް އަހަރެންގެ ފިރިމީހާ ގަޔާވި ސިފައެއް ނޫނެވެ. ދުވަހެއް ދުވަހެއް އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުޑަވެ، ވާހަކަ ދެކެވޭ މިންވަރު މަދުވަމުން ގޮސް، އެކަކު އަނެކަކާ އެކު އުޅެން ބޭނުން ނުވާ ހިސާބަށް ކަންތައް ގޮސްފިއެވެ.

ދިރިއުޅުމުގެ ކުރިމަތިލާން ޖެހުނު މި ހަނގުރާމައިގައި ވަގުތު ހޭދަކޮށް ބޯ ގޮއްވަން ޖެހުމުން އޭރު އަހަރެން ކައިރީ ތިބި ރައްޓެހިންނާ ވެސް އަހަންނަށް ދުރަށް ދެވިއްޖެއެވެ. އަހަރެން އެ މީހުންނާ ދުރަށް ދިޔައީ އެމީހުން ގޯސްވެގެނެއް ނޫނެވެ. ދިރިއުޅުން ހަލާކުވެގެން ދަނީ ކަން އެނގުމުން އަހަންނަށް ކުރިމަތިލާން ޖެހުނު ނަފްސާނީ އުނދަގޫތަކުގައި މީހުންނާ ބައްދަލުކޮށް ހީ ސަމާސާ ކުރުން އެއީ ދަތި ކަަމަކަށް ވީމައެވެ. ނަމަވެސް އަހަރެން ވަޒީފާއަށް ދިއުން ހުއްޓައެއް ނުލަމެވެ. ވަޒީފާއަށް ނުގޮއްސިއްޔާ ދިރިއުޅުމުގައި އަހަރެން ބޯގޮއްވަން ޖެހޭ ކަންކަން އިތުރުވާނެކަން އިނގޭތީ ހިތްވަރުކޮށްފައި ކޮންމެ ދުވަހަކު ވެސް އަހަރެން ވަޒީފާއަށް ދިޔައީމެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެ ހިޔާލުތަކުން އެއްފަރާތަކަށް ޖެހިލަމުން ފިރިމީހާއާ ވަރިވާން އަހަރެން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ބާވައޭ ހިތަށް އެރުމުން މަޑުޖެހިލީމެވެ. ދަރިންނަށްޓަކައި އަދިވެސް ދެ މީހުން އެކުގައި އެޅެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަހަރެން ދެކުނީމެވެ. ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން އަހަންނަށް ނުލިބުމުން ޝަކުވާ ކުރެވުނު ދުވަސްތައް ހަނދާންވުމުން ކުށްވެރިއަކީ އަހަރެން ކަމަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން އެކަމަށް މައާފަށް އެދި އަދިވެސް މި ގުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރަން ފިރިމީހާއާ ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ.

ފޯނު ނަގާ ފިރިމީހާގެ ނަންބަރަށް އަހަރެން ގުޅާލީމެވެ. މާގިނަ އިރެއް ނުވެ އޭނާ ފޯނަށް ޖަވާބު ދީފިއެވެ. އަހަންނަށް އެއްޗެކޭ ނުބުނެވެނީ ވާހަކަ ދެއްކީ އެކޮޅުންނެވެ. ފެމިލީ ކޯޓުން ފޮނުވި މެއިލްގެ ވާހަކަ އޭނާ ހިއްސާ ކުރި އިރު، އޭނާގެ ވާހަކަތަކުން އެކަމާ ދެރަވެފައި ހުރި ކަމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. ދެން ފިރިމީހާ އަހަރެންނާ ކުރީ ސުވާލެކެވެ. ގެއަށް އަންނަނީ ކޮން އިރަކުތޯ އޭނާ އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދެމުން އިރުކޮޅަކުން ގެއަށް މި ދަނީ ކަމަށް އަހަރެން ބުނީމެވެ. ދައްކަން ޖެހޭ ބޮޑު ވާހަކައެއް އެބަ އޮތް ކަމަށް ފިރިމީހާ ބުނުމުން އަހަރެން ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މާ ލަހެއް ނުވެ ގެއަށް މިދަނީ ކަމަށް ބުނެ އަހަރެން ފޯން ކަނޑާލަމުން އިންތަނުން ތެދުވީމެވެ.

އެވަގުތު އަހަރެންގެ ސިކުނޑީގައި އެތައް ސުވާލުތަކެއް ދިޔައި ފުނިޖެހެމުންނެވެ. މާއިލް ދައްކަން އެ އުޅެނީ ކޮންވާހައެއް ހެއްޔެވެ. އަނެއްކާ ކައިވެނި ރޫޅިގެން ދިއުމުން އަހަރެންނާއި ކުދިން ދިރިއުޅެން ފަށާނެ ގޮތަކާ މެދު އޭނާ ވިސްނަނީ ހެއްޔެވެ. ނޫނީ މި ކައިވެނި ރޫޅާ ނުލައި ދެވަނަ ފުރުސަތަކަށް އެދެން ހެއްޔެވެ. ފޯނު ހިފައިގެން ކެބިން ތެރެއިން އަހަރެން ނިކުތީ ގެއަށް ދާށެވެ. އެ ވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑެވެ.

އޮފީހުގައި ހުރި ނަމާދު ކުރާ ކޮޓަރީއާ ދިމާއަށް އަހަރެން ބަލާލީ، ނަމާދަށް އަރަން އެ ވަގުތު ހިތަށް އެރުމުންނެވެ. ކުރިން ނަމާދު އަޅައި ނަމާދަށް ފަރުވާކުޑަކުރެވިފައި ވިޔަސް މިއަދު ހަޔާތުގައި ދިމާވަމުން ދިޔަ ބޮޑެތި ކަންކަމުން އަރައި ގަތުމަށް އަހަރެން ނަމާދު ކުރަން ބޭނުން ވިއެވެ. މީގެ ކުރިން ނަމާދު އެޅުނީތީ އަހަރެން ދެރަވެސް ވިއެވެ. ދެ ހިޔާލެއްގައި ހުރެ އަހަރެން އޮފީހުން ނިކުތީ ނަމާދު ކުރާނީ ގެއަށް ގޮސްފައި ކަމަށް ނިންމައިގެންނެވެ.

- ނުނިމޭ -