ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ މައްސަލަތައް ގިނަވަމުން އަންނަ ވާހަކަ އަކީ މި ފަހުން އައިސް ވަރަށް ގިނައިން ދެކެވެމުން އަންނަ ވާހަކައެކެވެ. ބައެއް މީހުން މިކަހަލަ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ގިނަ ބަޔަކު މިކަން އެހާ ސީރިއަސް ކޮށް ނުނަގާ ކަން ސޯޝަލް މީޑިއާގައި ހުންނަ މިފަދަ ހަބަރުތަކުގެ ކޮމެންޓުތައް ކިޔާލުމުން އެނގެއެވެ. އެއްބަޔަކު މިކަން ޖޯކަކަށް ހަދާއިރު، އަނެއް ބަޔަކު މިއީ ސިޔާސީ ސްޓަންޓްތަކެއް ކަމަށް ވެސް ބުނެއެވެ.
ނަމަވެސް މިއީ އަޅާނުލައި ދޫދެވެން އޮތް ކަމެއް ނޫނެވެ. ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ ހައްސާސް ކަމަކީ ސީރިއަސް ކޮށް ނަގަން ޖެހޭ ކަމެކެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މަސްރަހު ދިރާސާކޮށް އެގައުމުތަކުގައި ހިނގާ ޓެރަރިޒަމްގެ އަމަލުތައް ބަލާ މިނިވަން އިދާރާއެއް ކަމުގައިވާ ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީސް އިން އާންމު ކުރި ވީޑިއޯ އިންޓަވިއުއެއްގައި، ޓެރަރިޒަމާ ބެހޭ ބައިނަލްއަގްވާމީ މާހިރަކު ވަނީ ރާއްޖޭގެ ހާލަތައާއި ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އޮތްވަރާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ ޕެރެލަލް ނެޓްވޯކްސް ގެ ކޯފައުންޑަރު، ޑރ. ޖުންކަލް ފެނާންޑެޒް ގަރައިޒަބަލް ދިވެހިރާއްޖޭގައި ދިރާސާތަކެއް ކުރައްވައި ރާއްޖޭގެ ޓެރަރިޒަމްގެ ހާލަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ތެރެއިން މުހިންމު ބައެއް ވާހަކަތަކަކީ؛
- ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމަކަށް ފަހު ރާއްޖޭގެ ރައްޔިތުން ހިންދެމިލީ 2008 ވަނަ އަހަރު ޑިމޮކްރަސީ އާއި މިނިވަންކަމާ އެކު އިންތިހާބުވި ސަރުކާރާ އެކުގައި ކަމާއި ރައްޔިތުންގެ ފަރާތުން ނިގުޅައިގަނެވިފައިވާ އެތައް ހައްގުތަކެއް އަނބުރާ ލިބުނު ކަމެވެ. މީގެތެރޭގައި ދީނީ ޝިއާރު ފާޅުކުރުމުގެ މިނިވަންކަން ހިމެނިގެން ދިޔުމުގެ ނަތީޖާއަކީ މުޖްތަމައުގެ ތެރޭގައި ކުރިން ނެތް މިންވަރަށް "ހަރުކަށި ފިކުރު" ފެތުރުން ފެށުން ކަމަށެވެ.
- އިރާގު އަދި ސީރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިއެސްއައިއެސް އާ ގުޅިގެން ސީރިޔާގައި ހަގުރާމަ ކުރުމަށް އެންމެ ގިނަ ދިވެހިން ގޮސްފައިވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި ކަމަށާއި އާބާދީގެ ނިސްބަތުން ބަލާއިރު ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެންމެ ގިނައިން ގޮސްފައި ވަނީ ދިވެހިން ކަމަށެވެ.
- 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 200 ދިވެހިން، ރާއްޖެއިން ބޭރުގެ ހަގުރާމަތަކުގައި ބައިވެރިވުމަށް ފުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ކާމިޔާބު ވެފައިވަނީ 40 ޕަސެންޓް މީހުންނަށް ކަމަށެވެ. އަދި މިއީ އާބަދީގެ ނިސްބަތުން ގައުމަކުން ބޭރުގެ ހަނގުރާމައަކުގައި ބައިވެރިވާން ދިޔަ އެންމެ މަތީ އަދަދުތަކަމަށް ވެސް ބުނެފައިވެއެވެ.
ޑރ. ފެނާންޑެޒް ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން އާންމު ވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ސައުދީއަރަބިއްޔާ އަދި ޕާކިސްތާނުން ދީނީ ތައުލީމު ހާސިލު ކުރުން ކަމަށް ވެސް ވިދާޅުވެއެވެ. ނަމަވެސް ސީދާ ހަގުރާމައިގެ ތަމްރީނު އެތަންތަނުގައި ދިވެހިން ހެދި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޖޯޖްޓައުން ޔުނިވާސިޓީ، ކޮމިލާސް އައިސީއޭޑީ (މެޑްރިޑް)، ހޭގް ސެންޓާ ފޯ ސްޓްރެޓެޖިކް ސްޓަޑީޒް، އަދި ޔުނިސެފް ފަދަ މުއައްސަސާތަކާ ގުޅިގެން އޭނާ މި ދިރާސާތައް ކުރައްވާފައި ވާ އިރު، ދެކުނު އޭޝިއާ ސަރަހައްދުގައި ހިންގާފައިވާ ޓެރަރިޒަމްގެ ބައެއް ހަރަކާތްތަކާއި ހަމަލާތަކުގައި މީގެ ކުރިންވެސް ދިވެހިން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 2008 ވަނަ އަހަރު މުމްބާއީގެ ތާޖް ހޮޓަލުގައި ދިން ޓެރަރިސްޓު ހަމަލާކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ވާހަކަވެސް ވިދާޅުވެފައި ވެއެވެ، އަދި އެހަމަލާ ދިން އިރު އެކަމަނާ ހުންނެވީ ރާއްޖޭގައި ކަމަށާއި އެހެން ކަމުން އެކަން ވަރަށް ގާތުން ބެއްލެވި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާގެ ދިރާސާގައި އިތުރަށް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ހަގުރާމަތަކަށް ގޮސް އެނބުރި ރާއްޖެ އަންނަނީ މަދު މީހެއް ކަމަށާއި އަދި ގާނޫނީ ގޮތުން އެފަދަ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމާއި އަދި އެމީހުންނަށް ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖެއިން އައިއެސްއައިއެސް އާ ގުޅިގެން ހަނގުރާމަ ކުރުމަށް ދިޔަ މީހުން، އެ ޖަމާއަތް ރޫޅުނު ފަހުން އިތުރު ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އޭނާގެ އިންޓަވިއުގައި، ޗައިނާއާއި ރާއްޖެއާ ދެމެދުގައިވާ ގުޅުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވީ، ޗައިނާ އިން ރާއްޖޭގައި އެކި އެކި ދާއިރާތަކުގައި އިންވެސްޓު ކުރާކަމަށާއި، މިގޮތުން އެންމެ ފާހަގަ ކުރެވެނީ އިންފްރާސްޓްރަކްޗާގެ ދާއިރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ސިޔާސީ ގޮތުން ޗައިނާގެ އެއްވެސް ނުފޫޒެއް ނެތްކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ކަން ފާހަގަ ކުރައްވަމުން ޑރ. ޖުންކަލް ވިދާޅުވެފައި ވަނީ ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ ދިވެހިންގެ ސަބަބުން ނުވަތަ ރާއްޖޭގައި މިހާތަނަށް ދެވިފައިވާ އެފަދަ ހަމަލާއެއްގެ ސަބަބުން ފަތުރުވެރިކަމަށް އޭގެ އެއްވެސް އަސަރެއް ސީދާ ގޮތުން ކޮށްފައި ނުވާކަމަށެވެ.
ދިރާސާ އާ ގުޅޭގޮތުން ތަފާތު ވާހަކައެއްވެސް އޭނާ ހިއްސާ ކުރެއްވިއެވެ. އެއީ ކުރިން ސުރެ ހަރުކަށި ފިކުރު އާލާވަމުން އައިސް މިއަދު ރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލާ ދޭން ތައްޔާރަށް ތިބި 1400 މީހުން ތިބި ވާހަކައެވެ. މިއީ މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވިދާޅުވި ވާހަކައެއް ނަމަވެސް ޑރ. ޖުންކަލް ވިދާޅުވީ، މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުވެފައި އޮންނަނީ ޕެރަޑައިސް "ދުނިޔެމަތީގެ ސުވަރުގެ" އެއްގެ ގޮތުގައި ކަމަށް ވާއިރު ފަތުރުވެރިކަމުގެ މަންޒިލް - ރާއްޖެގައި، ޖަނުންފިދާވާން ތައްޔާރަށް ތިބި ބަޔަކު ތިބިކަމަށް ބުނުމުން ދުނިޔެއަށް ލިބޭ ހައިރާން ކަމެވެ. އަދި އެކަމާ ގުޅޭ ގޮތުން، ދިވެހިން ދެކޭ ގޮތާއި ދިވެހިންގެ މާ ބޮޑު ފަރުވާލެއް ނެތް ކަން އެނގުމުން ލިބޭ ހައިރާން ކަމެވެ.
މިފަހުން ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒްމް ހުއްޓުވުމަށް އެކި އެކި އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު، 2022 ވަނަ އަހަރު އައްޑޫ، މާލެ އަދި އެހެން ރަށްތަކެއްގައި ހިންގި އޮޕަރޭޝަނެއްގައި 13 މީހަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.
ފުލުހުން އޭރު ހާމަކުރި ގޮތުގައި މި މީހުން އުޅުނީ އައިއެސް މީހުންނާ ގުޅިގެން ރާއްޖޭގައި، ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދެއްގައި ބޮމުގެ ހަމަލާއެއް ދީ ގިނަ ބަޔަކު މަރާލާށެވެ. ނަމަވެސް އެމީހުންގެ ހަމަލާ ނާކާމިޔާބުކޮށް ފުލުހުން ވަނީ ހަތިޔާރާއި ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރާ ގިނަ ސާމާނުތަކާ އެކު އެމީހުން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުންވެސް ޓެރަރިޒަމާ ގުޅުން ހުރި ގިނަ ހާދިސާތައް ހިނގާފައި ވެއެވެ.