ފެނަކަ ކޯޕަރޭޝަނުން އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުން މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލަތަކެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ މިހާރު ކ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން، ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައި ވާކަން ފާހަގަ ކުރެވުނު މައްސަލައެކެވެ.
އެމައްސަލާގައި ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދިން ގޮތުގައި މިހާރު އެ މައްސަލާގައި ނިމާލަށް ވަނީ ދައުވާ ކޮށްފައެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހުން:
- ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް (މ. ކޮކާހަނދުވަރު / ކ.މާލެ)
- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި މިންހާޖު ވަހީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)
- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓާގެ މަގާމުގައި އޭރު ހުރި އަޙްމަދު ސޯލިހު ނާސިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)
- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަހްމަދު އަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)
މި ހަތަރު މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރާ ކަމަށް އޭސީސީން ބުނެއެވެ. އަދި މިމައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.