ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން، ގާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އޮނޮރަބަލް އަހްމަދު ސަމީރު ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވުމަކީ އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމުގައެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސްރެސިޑެންސްގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރުޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި 23rd މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް' އާ ހަވާލުކޮށްގެންނެވެ.

'މަލަސް ރެސިޑެންސް' ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާއިރު އެމްޑަބްލިއުއެސްސީން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.