ކްރިމިނަލް ކޯޓް ހިންގި އިމާރާތް ބާވެ އެ ކޯޓު ވަގުތީ ގޮތުން ބަދަލު ކުރަނީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ ކުރިން ހިންގި އިމާރާތަށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ކްރިމިނަލް ކޯޓު ހިންގާ އިމާރަތް ބަދަލުކުރަން ނިންމުމާއެކު ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ބަދަލުކުރުމާއި، ވާކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުން އަދި ޝިފްޓް ޑިއުޓީގެ އުސޫލުން މަސައްކަތް ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލު ކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ 4 ބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވުމާ ގުޅިގެން އެ އިމާރާތް ބޭނުން ކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް ރައްކާތެރި ގޮތެއް ކަމުގައި ނުވާތީއެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތް ހަމަޖައްސާދީފައި ވާއިރު މިހާރު ކުރިއަށް ދަނީ އެ އިމާރާތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިތުރަށް ބުނީ އެންމެ އިސްކަން ދޭ ކަމަކީ ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންން އަދި ކޯޓަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.