ބެލްޖިއަމަށް އެތެރެކުރަން އުޅުނު ދޮންކެޔޮގެ ޝިޕްމަންޓެއްގެ ތެރެއިން ގާތްގަނޑަކަށް 8.8 ޓަނުގެ ކޮކެއިން އަތުލައިގެންފިއެވެ.
އިކުއަޑޯ ފުލުހުންގެ ކޮމާންޑަރު ފައުސްޓޯ ސަލީނާސް ވިދާޅުވީ، އަތުލައިގެން މަސްޓުވާތަކެތި އޭގެ މަންޒިލަށް ދިޔަނަމަ އޭގެ އަގު ގާތްގަނޑަކަށް 330 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އިކުއަޑޯއަކީ ދުނިޔޭގައި އެންމެ ގިނައިން ދޮންކެޔޮ އެކްސްޕޯޓް ކުރާ ގައުމަށް ވާއިރު، އެގައުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަންޒިލްތަކަށް ފޮނުވާ މޭވާގެ ތެރޭގައި ގަވާއިދާ ހިލާފު ތަކެތި ފޮރުވައިގެން އެތެރެކުރަން މަސައްކަތް ކުރެއެވެ. އެގޮތުން އެންމެ ފަހުން މަސްތުވާތަކެތި އަތުލައިގެންފައި މިވަނީ ބެލްޖިއަމަށް ފޮނުވަނަ ތައްޔާރު ކޮށްފައި ހުރި ދޮންކެޔޮ ކޮންޓެއިނަރެއްގެ ތެރެއިން ކަމަށް ރިޕޯތްތަކުން ބުނެއެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ ބެލްޖިއަމްގެ ދާހިލީ ވަޒީރު އެނެލީސް ވާލިންޑެން އާއި ޔޫރަޕިއަން ކޮމިޝަނާ ފޯ ހޯމް އެފެއާޒް އިލްވާ ޖޮހަންސަން އިކުއަޑޯ އާއި ކޮލަމްބިއާއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ.
ފާއިތުވި އަހަރުތަކުގައި ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮކެއިން އަތުލައިގަތް ގައުމަކަށް ބެލްޖިއަމް ވެފައި ވާއިރު، ގަވައިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރާ މައި ސަރަހައްދަކީ އެންޓްވާޕްގެ ބަނދަރެވެ. ޔޫރަޕިއަން މޮނިޓަރިން ސެންޓާ ފޯ ޑްރަގްސް އެންޑް ޑްރަގް އެޑިކްޝަންގެ ޑިރެކްޓަރު އެލެކްސިސް ގޯސްޑީލް މި މަހުގެ ކުރީކޮޅު ވިދާޅުވީ "ކޮކެއިން ގެ މިންވަރު އިތުރުވަމުންދާތީ މިހާރު މުޅި ޔޫރަޕިއަން ޔޫނިއަންއަށް ނުރައްކާވެފައިވާ" ކަމަށެވެ.
ޕެރޫ އާއި ކޮލަމްބިއާގައި އުފައްދާ ކޮކެއިންގެ އެންމެ ބޮޑު ޓްރާންސިޓް ގައުމަކީ މިހާރު އިކުއަޑޯއެވެ. މިދިޔަ އަހަރު 200 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އެ ސަރަހައްދުގެ އެންޑިއަން އިން އަތުލައިގެންފައި ވެއެވެ. އޭގެ ބޮޑު ބައެއް އަތުލައިގަތީ ގުއާކިލްގެ ބަނދަރުންނެވެ.