ސަލަފު ޖަމިއްޔާއިން އަދާލަތު ޕާޓީއާ މެދު އޮތީ ދީނީ ހިޔާލު ތަފާތުވުމެއް ނަމަ ހައްލުކުރަން ވަރަށް ބޭނުންވެވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު ކޯލިޝަނަން ހެއްދުމަށް އަދާލަތުން ނިންމުމާ ގުޅިގެން ސަލަފް ޖަމިއްޔާގެ ބައެއް އިލްވެރިންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

އިމްރާން ވަނީ ސަލަފް ޖަމިއްޔާ އާއި އަދާލަތާ ދެމެދުގައި ހުރި ތަފާތު ތަކަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ މައްސަލަ ތަކެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ދީނީ މައްސަލައެއް ނަމަ އެކަން ހައްލު ކުރަން ވަރަށް ބޭނުންވެވަޑައިގަންނަވާ ކަން ފާހަގަކުރައްވާ އިމްރާން ވަނީ ސިޔާސީ ކަމެއް ނަމަ އެކަން ވިސްނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިން ނިންމައިގެން ތިބީ ސަލަފް ޖަމިއްޔާގެ އިސް ފަރާތްތަކުން ކިތަންމެ އެއްޗެހި ކިއި ނަމަވެސް އެކަމަށް ރައްދު ނުދިނުމަށް ކަމަށާއި އެ ހަމައިގައި ހިފަހައްޓާތާ އަހަރުތަކެއް ވެއްޖެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ސަލަފުގެ ފާޑުކިޔުންތަކަށް އަދާލަތު ޕާޓީގައި ހިމެނޭ ބައެއް މެންބަރުން ރައްދުދެއްވާއިރު ރޭ ސަލަފަށް ނިސްބަތްވާ އަލީ ރަމީޒު ވަނީ އަދާލަތަށް ނުސީދާ ބަހެއް އަމާޒުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ލާދީނީ އަށް ވުރެ ދީނީވެގެން އުޅޭ އެ ލާދީނީއްޔަތު ހިމާޔަތްކުރަން އުޅޭ ބައިގަނޑުގެ ނުރައްކާތެރިކަމާއި މުސީބާތް އުންމަތަށް މާ ބޮޑު ކަމަށެވެ.