މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމް މަރާލިކަމަށް ސާބިތުވި އެރަށު ހީނާވިލާ، މުހައްމަދު ޝަނޫން މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2015 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރުގެ ދައުވާއެވެ.
މި މައްސަލައިގެ މީގެ ކުރީގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައި ވާކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށް ބުނެފައެވެ. މި ގޮތުން ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ވެފައެވެ. އަދި ސިފާމްގެ މައްޗަށް ޒިޔަދަން މަރާލިކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވިނަމަވެސް ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި މިމަހު 19 ވަނަ ދުވަހު ކުރިއަށް ދިޔަ ވާރިސުންގެ ބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަދަމްގެ ބައްޕަ ހިމެނޭހެން 9 ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އަދި ޒިޔަދަމްގެ މަންމަ ދުނިޔޭގައި ހުރި އިރު އޭނާވެސް ވަނީ ގާތިލުންނަށް މަރުގެ އަދަބު ދޭން ބޭނުންވާކަމަށް ބުނެފައެވެ.
މި މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގައި، ޝަނޫން މަރަން ހުކުމްކޮށްފައިވާއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.