މި ސީޒަންގެ ކަރަބާއޯ ކަޕްގެ ފައިނަލްގައި 2-0 އިން ނިއުކާސަލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އެޓީމުން ހޯދި ފުރަތަމަ ތަށި އުފުލާލައިފިއެވެ.

ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސިމީރޯއެވެ. މީގެ ކުރިން ސްޕެއިންގެ ރިއާލްއަށް ކުޅުނު ކަސިމީރޯ ޔުނައިޓެޑާ ގުޅުނީ މިސީޒަންގައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއު ކާސަލްގެ ސްވެން ބޮޓްމަން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މިއާއެކު ސްކޯ 2-0 އަކަށް ވީ އިރު މެޗު ނިމުނީ މިސްކޯލައިނާއެކުއެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފަނާންޑޭޒް ބުނީ މި ތަށިން އެކަނި ފުއްދާލަން ޓީމުން ބޭނުން ނުވާ ކަމަށެވެ. އަދި ޔުނައިޓެޑުން ބޭނުންވަނީ ވީހާ ވެސް ގިނަ ފައިނަލްގައި ކުޅެ ގިނަ ޓްރޮފީތައް އުފުލާލަން ކަމަށް ވެސް ޕޯޗުގަލްގެ ކުޅުންތެރިޔާ ބުންޏެވެ.

ކަސެމީރޯއާއެކު ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ޔުނައިޓެޑް

މިއީ 2017 ވަަނަ އަހަރުގެ ފަހުން ޔުނައިޓެޑަށް ތައްޓެއް ލިބުނު ފުރަތަމަ ފަހަރެވެ. އެ ސީޒަންގައި އެޓީމުން ވަނީ ކަރަބޯ ކަޕްގެ އިތުރުން ޔޫރަޕާ ލީގު ވެސް ހޯދާފައެވެ.

މިސީޒަންގައި އަދި ވެސް ޔުނައިޓެޑަށް ދެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިގޮތުން އިންގްލޭންޑްގެ އެންމެ ދުވަސްވީ މުބާރާތް އެފްއޭކަޕްގެ ފަސް ވަނަ ބުރަށް އެޓީމު ގޮސްފައިވާ އިރު މިސީޒަންގެ ޔޫރަޕާ ލީގުގެ ގަދަ 16 އަށް ވެސް އެޓީމު ވަނީ ދަތުރުކޮށްފައެވެ. ޔޫރަޕާ ލީގުގެ ގަދަ 16 އަށް ޔުނައިޓެޑް ދަތުރުކުރީ ސްޕެއިންގެ ބާސޮލާނާ ބަލިކުރުމަށް ފަހުއެވެ.