ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް 6 ބޭފުޅަކު ހަމަޖައްސައިފިއެވެ.
މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާގައި އެ މަގާމަށް ހަމަޖެއްސި ބޭފުޅުންނަށް ލިޔުން ހަވާލު ކުރައްވާފައި ވަނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.
ޖޭޕީގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ.
އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސީ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ.
ކޮންފަރެންސްގެ ކުރިން ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް ނިހާން ހަމަޖައްސާ، ލިޔުމެއްވެސް ހަވާލުކޮށްފައި ވެއެވެ.
ސަރުކާރު ކޯލިޝަނާ ވަކިން ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގައި ވާދަކުރަން ކައުންސިލަށް ލަފާ ދިނުމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސަށް މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށަހެޅުއްވި ގަރާރު ވަނީ ރޭ ފާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސުން ރޭ ގަރާރު ފާސްކުރި ނަމަވެސް، ގާނޫނީ ހައިސިއްޔަތެއް ނެތް އެ ގަރާރަށް އަމަލުކުރާނެ ގޮތެއް ފަހުގެ ތާރީހެއްގައި ނިންމާނީ ކޮންފަރެންސުން އިންތިހާބުކުރާ އާ ކައުންސިލުންނެވެ.