ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލާގައި މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލައިގައި މިހާތަނަށް 8 މީހެއްގެ މައްސަލަަ ފައިލްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނެރަލް ފާހަގަ ކުރެއްވި ފަންނީ ކަންތައްތަކެއް ހުރެގެން އިސްލާހު ކުރުމަށް ފަހު 3 މީހެއްގެ މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓަރުގެ ނައިބުކަމުގައި ކުރިން ހުންނެވި ޝިޔާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝިހާމްގެ މައްޗަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެ މައްސަލަ އެބަ އޮތް ކަމަށާއި އެ މައްސަލަ ލަސްވެފައިވީ ނަމަވެސް މި ހަފްތާގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
އެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެއްބަސްވުމެއް ނެތި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީއެވެ. އެ ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަމުން 'ގުޑްސް ރިސީވްޑް' ކަމަށް ދައްކައިގެންނެވެ. އެކަމަކު އޭރު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ވެސް ނުކުރެއެވެ.
އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ނުލިބި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައެވެ.