މީގެ 22 އަހަރު ކުރިން ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މާރާލި ހދ. ކުޅުދުއްފުށީ އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޒުހައިރު މިހާރު ދިރިއުޅެމުން ދާ ކ. ދިއްފުށީގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު 11:30 ހާއިރުއެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ޒުހައިރު މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ.

ޒުހައިރުގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުންގެ ޓީމަކުން މިހާރު ވަނީ ދިއްފުށްޓަށް ދަތުރު ފަށާފައެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި އަޒްލީނާ މަރާލާފައި އޮއްވައި ފެނުނީ އެޕްރީލް 5، 2001 ގައެވެ. އަޒްލީނާ މަރާލިކަމުގެ ކުށް ސާބުތުވެ ޒުހައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2002 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ޒުހައިރު ޖަލަށްލުމަށް ހުކުމް ކުރިތާ 11 އަހަރު ފަހުން އޭނާ ވަނީ މިނިވަން ކޮށްފައެވެ. ޒުހައިރު މިނިވަން ކޮށްފައި ވަނީ 2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.