ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ އަމަން އަމާންކަން ނަގަހައްޓާނީ ޗޮކްލެޓް ކާންދީގެން ނޫން ކަމަށާއި މާރާމާރީ ހިންގުމަށްޓަކައި ފިހާރަތަކަށް ވަޅި ހިފައިގެން ވަންނަ މީހުން ގަޔަށް ފުލުހުން ލައްވާ ޝޫޓް ކުރާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ރިޔާސީ ކެމްޕެއިނުގެ ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ވަރަށް ގިނަ ގޭންގުތަކެއް ހެދި ދިވެހިރާއްޖޭގެ އަމަން އަމާންކަން ވަނީ މުޅިން ގެއްލިފައި ކަމަށެވެ. މިއަދު ގޭންގުތަކުގެ ބާރު ފުލުހުންގެ ބާރަށް ވުރެ މާ ގަދަވެފައިވާ ކަމަށް ވިދާޅުވެ ދާދި ފަހުން ދިމާވި ދެ ހާދިސާއަކަށް އުމަރު އަލިއަޅުއްވައިލެއްވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މިކަހަލައިގެ ކަންކަމެއް ނުކުރެވޭނެ، މިހެން ކަތިވަޅި ހިފައިގެން ވަޅި ހިފައިގެން ފިހާރަ ފިހާރައަށް ވަންނަ ކަމަށް ވަންޏާ ފުލުހުން ޝޫޓް ކުރާނެ، އެކަހަލަ މީސް މީހުން ގަޔަށް ފުލުހުން ޝޫޓް ކުރާނެ، ރާއްޖޭގެ އަމަން އަމާންކަން އަޅުގަނޑުމެން ނަގަހައްޓާނީ ޗޮކްލެޓް ކާންދީފައެއް ނޫން"
އުމަރު ނަސީރު

ފިހާރައެއް ތެރޭ މީޙަކަށް ވަޅި ހަމަލާދިން މައްސަލައަށް އަލިއަޅުއްވާ ލަވަމުން އުމަރު ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މާރާމާރި ހިންގުމަށް ވަޅި ނުވަތަ ކަތިވަޅު ހިފައިގެން ފިހާރަތަކަށް ވަންނަ މީހުންގެ ގަޔަށް ފުލުހުން ލައްވާ ބަޑި ޖަހާނެ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ގައުމުގެ އަމާންކަން ނަގަހައްތާނީ ޗޮކްލެޓް ކާންދީގެން ނޫން ކަމަށާއި އަދި މިފަދަ މާރާމަރި ނުހިންގޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވަނީ ހެލްމެޓް އަލައިގެން ހުޅުމާލޭގެ ޓެކްއަވޭ ހިންގާ ތަނަކަށް ވަދެ އެތަން ސުންނާފަތިކޮށްލި މައްސަލައަށް ވެސް އަލިއަޅުއްވާލާފައެވެ. މިފަދަ ކުށްތައް މީހުން ކުރަމުން އަންނަ އިރު ފުލުހުންނަށް އަދިވެސް ކުށްކުރި މީހުން ހައްޔަރު ނުކުރެވޭ ކަމަށާއި އަދި އެ ބަޔަކު ހައްޔަރު ކުރިއަށް ދޫކޮށްލާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"ހަމަލާދެނީ މީހުންގެ ގަޔަށް ވަޅި ހަރަނީ މީހުން މަރަނީ، އިއްޔެ ވެސް ހުޅުމާލޭގެ ފިހާރައަކަށް ކުއްލިއަކަށް ގޭންގެއްގެ ދެމީހަކު ހެލްމެޓް އަޅައިގެން ވަދެ މުޅި ފިހާރަ އެއްކޮށް ސުންނާފަތިކޮށްފައި ދިޔައީ، އަދިވެސް އެބަޔަކު ހައްޔަރެއްވެސް ނުކުރޭ، ހައްޔަރު ކުރިއަސް ދޫވެސް ވެދާނެ"
އުމަރު ނަސީރު

އުމަރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެ މިއޮތީ ވަރަށް ނުރައްކާ ހިސާބެއްގައި ކަމަށާއި ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަގުތައްމަތީގައި 70 މީހުން މާރާލާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ފިޔަވަޅު އަޅަން ކެރުނު އަދި ފިޔަވަޅު އަޅަން ދަންނަ އެއްވެސް ސަރުކާރެއް ވެސް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އަމަން އަމާންކަން ނަގަހައްޓާނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އަމަން އަމާންކަން ނަގަހައްޓާ ގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އަމާން ގައުމަކަށް ހަދައި ދިނުމަށާއި މަސްތުވާ ތަކެތިން ސަލާމަތްވެފައި އޮތް މުޖުތަމައެއް ގާއިމު ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އުމަރު ވަނީ ދެއްވާފައެވެ.

މަސްތުވާތަކެޓިގެ މައްސަލަތަކާއި ގޭންގު ކުށްތަކުގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އެންމެ ކަންބިޑުވާ ދަރަޖައަށް ގޮސްފައިވާ މައްސަލަތަކެވެ. މި ފަދަ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުން ކަމަށް ބުނެފައި ވީ ނަމަވެސް އަދިވެސް މި ފަދަ ކުށްތައް ފެންނަމުން އަންނަ ކަމާއި އެ ފަދަ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ދޫކޮށްލާ މައްސަލަަތައް މަދެއް ނޫނެވެ.