ރިޔާސީ އިންތިހާބުގެ ތާރީހު ކައިރިވަމުންދާ ވަރަކަށް ސިޔާސީ މަސްރަހު ހަލަބޮލިވެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހަތްމަހަށް ވުރެ ގާތް ވެފައި ވާއިރު ޕާޓީތަކުންނާއި ކެނޑިޑޭޓުން އަދިވެސް މަސައްކަތް ކުރަނީ ކެމްޕެއިން ކުރުމުގެ ބަދަލުގައި އެއްގަލަށް އަރާ މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް އަތު ޖެހޭތޯއެެވެ.
މިފަހުން ބޭއްވި ރިޔާސީ ކޮންމެ އިންތިހާބެއްގައި ވެސް ގޮތް ނިންމާ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމާމެދު ދެބަސްވެވެން ނެތްއިރު އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަކީ ރިޔާސީ އިންތިހާބުތަކުގައި ކާލާ މަންނައެވެ. އެކަން ވޭތުވެދިޔަ ތިން އިންތިހާބުންވެސް އެނގި ހާމަވެފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުގައި ވެސް ގާސިމްގެ ރޯލް ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.
ގާސިމްގެ ކުލަނުވެ އޮތް ހަމައެކަނި ހުވަފެނަކީ ވެރިކަންތަ؟
ގައުމާއި ދިވެހި ދައުލަތަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި ގާސިމް ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއި ހޯމް މިނިސްޓަރު ކަމުގެ މަގާމުގެ އިތުރުން ރައްޔިތުން ހާއްސަ މަޖިލީހައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި ގާސިމްގެ ދައުރު ބޮޑުއިރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުވެސް ގާސިމް ވަނީ ފުރުއްވާފައެވެ. ވިލާ ގްރޫޕްގެ ފައުންޑަރުގެ ގޮތުން ބެއްޔަސް ގާސިމަކީ ފަތުރުވެރިކަމާއި ތެލާއި ތައުލީމާއި އަދި ކަންމަތީ ފިހާރަތަކަށް ދާންދެން ހިންގަވާ ކާމިޔާބު ވިޔަފާރިވެރިއެއް މެކެވެ.
ވެރިއަކު އިންތިހާބު ކުރުމުގެ އިތުރުން ވެރިކަން ބަދަލުކުރުމާއި ވެރިކަން ވައްޓާލުމުގައި ވެސް ގާސިމަކީ ޖާދޫގަރެކޭވެސް ބުނެވިދާނެއެވެ. ކުރީގެ ރައީސް މައުމޫން އަބަދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމާއި ރައީސް ނަޝީދުގެ ވެރިކަމުގެ ފަސް އަހަރު ހަމަ ނުވަނީސް ބަދަލުވެގެން ދިއުމަކީވެސް އެކަމުގެ މިސާލެކެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީއިންވެސް މަސައްކަތް ކުރަމުން ގެންދިޔަ ދުވަސް ވަރުގައި 2008 ވަނަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު ޖޭޕީ އުފެއްދި އިރު މިއަދު އެ ޕާޓީއަކީ މި ގައުމުގެ 3 ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އިލެކްޝަން ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ ޕާޓީގައި 22،607 މެންބަރުން އެބަ ތިއްބެވެ.
ވެރިކަމުގެ ފޮނި އުންމީދުގައި ގާސިމްވެސް މީގެ ކުރިން ދެ ދަތުުރެއް ފެއްޓެވިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ދަތުރެއްގެ މިސްރާބު ބަދަލުކޮށްލެއްވީ މަންޒިލަށް ނުދެވޭނެކަން ޔަގީންވުމުންނެވެ. އެގޮތުން 2008 ވަނަ އަހަރު ގާސިމްއާއެކު ރައީސް މައުމޫނާއި ޑރ. ހަސަން ސައީދާއި ރައީސް ނަޝީދާއި އިބްރާހިމް އިސްމާއިލްގެ އިތުރުން އުމަރު ނަސީރު ވާދަކުރެއްވިއެވެ. އެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގެންނެވި 27،056 ވޯޓާއެކު ނަޝީދާއެކު ކޯލިޝަން ހަދަން މަޖުބޫރުވެ، ދެވަނަ ބުރުގައި ރައީސް މައުމޫނާ ވާދަކުރައްވާ ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓާއެކުގައެވެ. އެ ކޯލިޝަންއިން ޖޭޕީގެ ސްލޮޓެއްގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް މަގާމުން ވަކިކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ގަދަވެ ގާސިމް ވަނީ އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްޓަކައި މަގުމައްޗަށްވެސް ނިކުމެވަޑައިގެންފައެވެ.
އެއަށްފަހު ގާސިމް ވަނީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދާ ވާދަކުރައްވާ "ވެރިޔާ" ގެ މަގާމަށް އަންނަން މަސައްކަތް ކުރައްވާފައެވެ. އެ އިންތިހާބުގައި ގާސިމަށް 50،422 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 53،099 ވޯޓެވެ. އަދި ރައީސް ނަޝީދަށް ވަނީ 95،224 ވޯޓު ލިބިވަޑައިގެންފައެވެ. އެ އިންތިހާބުގައި ޔާމީނަށް ވުރެ 2677 ވޯޓު މަދުވެ، ހަނިގޮތަކަށް ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ގާސިމްގެ އަތުން ވަނީ ގެއްލިފައެވެ. އެއާއެކު ގާސިމް ވަނީ ރައީސް ޔާމީނާއެކު ކޯލިޝަން ހައްދަވާ ޖޭޕީގެ ސްލޮޓެއްގައި ހޯމް މިނިސްޓަރުގެ މަގާމުގައިވެސް މަދު ދުވަސްކޮޅެއް ހޭދަކުރައްވާފައެވެ. އަދި ކޯލިޝަންގައި ހިޔާލު ތަފާތުވުންތަކާއެކު ގާސިމް ވަނީ އެއްބަސްވުން ރޫޅާލައްވާފައެވެ.
2018 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ސޯލިހު އިންތިހާބަށް ނިކުމެވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް ހިމެނޭ ކޯލިޝަންއެއްގެ ތެރެއިންނެވެ. އަދި މި ފަހަރުގެ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމުގައި ވިޔަސް ކޯލިޝަންގެ ފަސް އަހަރު ހަމަނުކޮށް ވަކިނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. މި ފަހަރުގެ ކޯލިޝަންގައި ހިތް ހަމަނުޖެހުނަތަކާއި ހިޔާލު ތަފާތުވުން އުފެދި، ދެންމެ ދެންމެ ކޯލިޝަނުން ޖޭޕީ ވަކިވެދާނެހެން ހީވި ދުވަސްވަރެއް ދިޔަ ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމް ކޯލިޝަނުގައި ދެމިހުންނެވީ އެ ޕާޓީގެ ސްލޮޓުގައި ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއަށް ލިބިވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމު ދިފާއުކުރެއްވުމުގެ ބޭނުމުގައެވެ.
ވެރިޔާ ހޮވުމަށް ގޮތް ނިންމަނީ ގާސިމް ކަމަށް ދަނެ ގާސިމާއެކު ކޯލިޝަން ހަދަން ގިނަ ބަޔަކު ބޭނުންވެ އެކަމަށް އެދި ސަލާމްވެސް ޖަހައެވެ. މިހާރުވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ވެސް ވަނީ ދައުވަތު ދީފައެވެ. ނުވިތާކަށް ގާސިމްގެ އަނބިކަނބަލުން ނަހުލާގެ އަރިއަހަށް އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވަން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ މަންދޫބުންވެސް ފޮނުއްވާފައެވެ. މިހުރިހާ ކަމަކާއެކުވެސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ގާސިމްގެ ދައުރު މުހިއްމުކަން ހާމަވާނެއެވެ. އެހެންނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ގާސިމް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޖޭޕީގެ ކެނޑިޑޭޓްގެ ގޮތުގައި ގާސިމް ނިކުންނަވަނީތޯ ނުވަތަ ކޯލިޝަނެއް ހައްދައިގެން ރިޔާސީ ރޭހަަށް ނިކުންނަވާނީތޯ އެއީ މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އެހެންނަމަވެސް މިއަދު ނިމޭ އެ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްއަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ އަބްދުﷲ އަހުމަދު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީއިން ރިޔާސީ އިންތިހާބަށް ނިކުތުމާ ގުޅޭ ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރަށް ބަހުސް ކުރުމާއި ގޮތް ނިންމަން އެޖެންޑާކޮށްފައި ވަނީ ކޮންފަރެންސްގެ މިއަދުގެ މެންދުރުފަހުގެ ދަންފަޅިއަށެވެ.
ފަހު ފުރުސަތުގެ ބޭނުން ހިފާ ގާސިމް ނިކުންނަނީ؟
މިހާތަނަށް ހެއްދެވި ކޯލިޝަންތަކުން ގާސިމްގެ އަރުގައި ހިތި ރަހަލިކަން އެ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ދެއްކެވި ވާހަކަތަކުން އެނގި ހާމަވެއެވެ. ގާސިމް އިއްޔެ ވިދާޅުވީ ސަރުކާރު އެކުލަވާލަން ޖޭޕީ ވަރެއް ނެތިގެން އުޅުނު ނަމަވެސް ކޯލިޝަންގައި މެންބަރުންގެ ދައުރެއް ނޯންނަކަމަށެވެ. އެހެންކަމުން އުފެދޭ ސުވާލަކީ އެންމެ ދޮށީ ތަޖުރިބާކާރުގެ ގޮތުގައި އެންމެ ފަހު ފުރުސަތުކަމަށް ދެކި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް އަމިއްލައަށް ނިކުމެވަޑައިގަންނަވާނީތޯއެވެ.
ސަރުކާރަށް ހޫނު ހަމަލާއެއް އިއްޔެވެސް ގާސިމް އަމާޒުކޮށްފައި ވާއިރު އަދިވެސް ރައީސް ސޯލިހުގެ އަރިހުގައި ތިބި ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ގާސިމް، ރައީސް ސޯލިހާ ކޯލިޝަން ހައްދަވާނެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު ފަހަތަށް ގާސިމް ވަޑައިގަންނަވާނެ އެއްގޮތެއް ވެސް ނެތް ކަމަށް ވިދާޅުވެ. ތަކުރާރުކޮށް އެކަން ގާސިމް ނުކުރައްވާނެ ކަން ވިދާޅުވަމުންނެވެ.
އެހެންނަމަވެސް އުފެދޭ އަނެއް ސުވާލަކީ ބޮޑު ވާދަވެރި އިންތިހާބަކަށް ނިކުންނައިރު ކައިރީގައި ތިއްބެވީީ އެންމެ ވަފާތެރި މީހުންތޯ އުފެދޭ ސުވާލެވެ. ސިޔާސީ މައިދާނުގައި ފެއިލްވެފައި ތިބި ބަޔަކު އަރިހަށް ލައްވައިގެން ހުނެނެވި އިރު ކުރިންވެސް ވީ ގޮތަަށް އެމީހުންގެ އަންބޮނޑި ބޮޑުކުރާތަން ގާސިމަށް އެނގިވަަޑައިގަންނަވާތޯއާއި އެމީހުންނާއެކު މިފަދަ ބޮޑު އިންތިހާބަކާ މެދު ގާސިމަށް ކިހާ ބޮޑު ޔަގީންކަމެއް އެބަ އޮތްތޯއެވެ.
އެކި ފޯމިއުލާތަކުގައި ހިސާބުތައް ޖަހާގޮތުން ނަމަ މި އިންތިހާބު ގާސިމަށް ކާމިޔާބު ކުރެވުމުގެ ފުރުސަތު ބޮޑު ގޮތެއް އެބައޮތެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއެކު ދެ ފެކްޝަންގެ ހަނގުރާމަ ބޮޑުވެ ޕްރައިމަރީ ނިމިގެން ދިޔައީ ދެ ކަފި ވެގެންނެވެ. ރައީސް ނަޝީދު އެ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮއްޕެއް ހައްދަވަމުން ގެންދަވާއިރު ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ގިނަ ވޯޓު ތަކެއް ނަޝީދު ގެއްލުވާލައްވަފާނެވެ. އަދި އެ އަދަދަކީ އެމްޑީއޭއާއި އަދާލަތު ސޯލިހާ ގުޅުމުން ލިބޭ ވޯޓަށް ވުރެ ބޮޑު އަދަދަކަށް ވުން ވެސް ގާތެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީން ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމާއެކު އެމަނިކުފާނަށް ވާދަކުރެވޭނެ ފުރުސަތު އޮތްތަނެއް ނުފެނެވެ. ދެން މި ފަހަރުގެ ރިޔާސީ ރޭހަށް ނިކުންނަވާ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަކިން ނުކުންނެވީމާވެސް ހައެއްކަ ހާސް ވޯޓު ސޯލިހަށް ގެއްލޭނެއެވެ.
މި ފޯމިއުލާގައި ފުރަތަމަ ބުރުގައި ގާސިމް ކޮޅަށް ނަޝީދާއި މައުމޫން ވަޑައިގެންފި ނަމަ 1 ނުވަތަ 2 ގާސިމަށް ލިބިވަޑައިގަތުން ގާތެވެ.
ކުލަ ނުވި ހުވަފެން ކުލަވުމުގެ ފުރުސަތު އެގޮތުގަައި ކުޑައެއް ނޫނެވެ.
ގާސިމް އަށް ތިކަން ވާނެ