އަންނަ އޭޕްރިލް މަހުން ފެށިގެން ނަގަން ފަށާ ޕްލާސްޓިކް ކޮތަޅުގެ ފީ ޖީއެސްޓީ ބަޔާނާ އެއްކޮށް ހުށަހަޅަން ޖެހޭ ގޮތަށް މީރާ އިން ހަމަޖައްސައިފިއެވެ.
މިއަދު ގެޒެޓުކުރި ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. ގަވައިދުގައިވާ ގޮތުން، ޕްލާސްޓިކް ކޮތަޅުގެ ފީ ހުށަހަޅަން ޖެހޭނީ އޭޕްރިލް 18 އިން ފެށިގެންނެވެ.
އެގޮތުން، ޖީއެސްޓީ އަށް ރަޖިސްޓްރީކުރި ހުރިހާ ވިޔަފާރިއަކުން ވެސް ޖީއެސްޓީ ދައްކަން ކަނޑައަޅާ ތާރީހުތަކުގައި ޖީއެސްޓީ ބަޔާނާ އެކު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ތަފްސީލް ހުށަހަޅަން ޖެހޭނެ ކަމަށް، ގަވައިދުގައިވެއެވެ.
މީރާ އިން ކަނޑައަޅާފައިިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން:
- ކޮންމެ މަހަކު ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނަމަ، މަހަކު ޖީއެސްޓީ ދައްކަން ޖެހޭ
- ހިދުމަތްތަކުގެ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ ދަށް ނަމަ، ޖީއެސްޓީ ދައްކަން ޖެހޭނީ ކޮންމެ ކުއާޓަރަކު
ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ތަފްސީލު ވެސް ހުށަހަޅަން ޖެހޭނީ އެ އުސޫލުންނެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން، ފިހާރަތަކުން ވިޔަފާރިކުރުމުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ނަގަން ވާނެއެވެ. މިދިޔަ ޑިސެމްބަރު މަހު ތަސްދީގުކުރި ކުނި މެނޭޖުކުރުމުގެ ބިލުގައި ވެސް އެހެން އޮންނަ އިރު، އެ ގާނޫނަށް ވެސް އަމަލުކުރަން ފަށާނީ އޭޕްރިލް މަހުން ފެށިގެންނެވެ.
ޕްލާސްޓިކް ކޮތަޅުތަކުން ނަގާ ފީގެ ތަފްސީލް މީރާ އަށް ހުށަހަޅާ ލިޔެކިއުންތަކުގައި ވިޔަފާރިތަކުން ގަނެ ވިއްކާ ޕްލާސްޓިކް ކޮތަޅުތަކުގެ ތަފްސީލާއި ހަލާކުވާ ޕްލާސްޓިކް ކޮތަޅުތަކުގެ ތަފްސީލްގެ އިތުރުން، ކަސްޓަމަރުން އަނބުރާ ރައްދުކުރާ ޕްލާސްޓިކް ކޮތަޅުތަކުގެ ތަފްސީލް ހިމަނަން ވާނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.
ހަމަ އެއާއެކު، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ތަފްސީލް ހުށަނާޅާ ނަމަ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ފީ ނެގޭ މުއްދަތުގައި ފީގެ 0.5 ޕަސެންޓު އަދަދުން ޖޫރިމަނާކޮށް، އަދި ތަފްސީލް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރަން ވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.
އަދި ޕްލާސްޓިކް ކޮތަޅުގެ ފީ އެހެން ބާވަތެއްގެ ކޮތަޅަކުން ނަގައި، ނުވަތަ އިތުރަށް ނަގައި ކަސްޓަމަރަށް އެ ފައިސާ އަނބުރާ ނުދޭހާ ހިނދަކު ޖީއެސްޓީ ބަޔާނުގައި އެ ފައިސާ ހިމަނައިގެން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށާއި، ކަސްޓަމަރު މުދަލާ އެއްކޮށް ޕްލާސްޓިކް ކޮތަޅު ރައްދުކުރި ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ ދައްކަން ޖެހޭނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.