މާލޭ ގެސްޓްހައުސްއެއް ފާސްކޮށް، ހަށިވިއްކަނިކޮށް ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލާކޮށް 4 މީހަކު ހައްޔަރުކުރިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއް އަދި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި ފިރިހެން މީހާ ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި 43 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ހައްޔަރުކުރި ބިދޭސީ ދެ އަންހެންގެ ބަންދަށް ވަނީ އެއް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ހަށި ވިއްކުމުގެ މައްސަލަތައް އިތުރުވެ، އެފަދަ އަމަލުތައް ހިންގާ ތަންތަން އިތުރުވެފައިވާއިރު، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ހޯމް މިނިސްޓްރަރު އިމްރާން އަބްދުﷲ ގެ އިތުރުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.