ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބުން މަޝްވަރާ ކުރައްވައިއެވެ.

ނަހުލާއާ ބައްދަލު ކުރެއްވުމަށް ވަޑައިގަތީ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ، ހުޅުމާލޭ ދާއިރާގެ މެންބަރު، އަދި ރައީސް ގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، ނަހުލާއާ ބައްދަލު ކުރެެއްވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކޯލިޝަން އާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޭނާ ނުދެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (މ) އާއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމް (ކ) އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ނިޔާޒު

ނަހުލާގެ އިތުރުން މި ދެ ބޭފުޅުން ވަނީ ގާސިމް އާ ވެސް މީގެ ކުރިން ބައްދަލު ކުރައްވާފައެވެ. ސަން އައިލެންޑްގައި އޮތް ރޭގަނޑުގެ ފަރިއްކޮޅެއްގައި ގާސިމް އާ ބައްދަލު ކުރައްވާފައި ވާ އިރު، އެ ބައްދަލުވުމުގައި މަޝަވްރާ ކުރެއްވި ކަންކަމުގެ ތަފްސީލެއްވެސް އެ ދެފަރާތުން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަނީ މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތާއީދު އޮތްތޯ ބެލުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން މިހާތަނަށް ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އަދާލާތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައެވެ. އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެއަށް ވަޑައިގަތަުމުން އެމްޑިޕީއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ.

މިއަދާ ހަމައަށް އައި އިރު، ޖުމްހޫރީ ޕާޓީގެ ސްޓޭންޑް އަދި ހާމަކޮށްފައި ނުވާ އިރު މާދަމާ ދަރުބާރުގައި ފެށުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ 4 ވަނަ ކޮންފަރެންސްގައި މުހިއްމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް ބުނެފައި ވީ ނަމަވެސް، އަދި އެ ޕާޓީން ނެރޭނީ ކޮން ކެންޑިޑޭޓެއް ކަން އިއުލާން ކޮށްފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހަށް ދިގުދެމިގެންދާނެ އެ ޕާޓީގެ ކޮންފަރެންސަށް ފަހުން ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. ޖޭޕީން އަދި ރައީސް ސޯލިހަށް ތާއިދު ކުރުމާ މެދު ގޮތެއް ނުނިންމާ އޮތް ސަބަބަކީ އެ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާތީ ކަމަށް ބެލެވެއެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންނަކީ ރައީސް ސޯލިހްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް ރައިށް އަބްދުﷲ ޔާމީން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.