ދަރިންނަށްޓަކައި މައިންބަފައިން ކޮންމެ ފަދަ ގުރުބާނީ އެއް ވެސް ވެދާނެއޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އިންސާނީ ތޮބީއަތުގައި ވެސް ލައްވަވާފައިވާ ކަމަކަށް ވާއިރު، ބަފައިންނަށް ވުރެ މައިން ދަރިންނަށްޓަކައި އުފުލާ ބުރަ އަދި ތަކުލީފު އެތައް ގުނައެއް ބޮޑެވެ.

އިންޑިއާގެ ބިހާރަށް އުފަން މި އަންހެންމީހާ އަކީ ވެސް މިފަދަ ހިތްވަރުގަދަ މައެކެވެ. އޭނާގެ އަންހެން ދަރިފުޅު ރޭޕް ކުރިމީހާ "މަރުވެފައި" އޮއްވާ ވެސް މި ވަނީ ހޯދާފައެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި ގަންގާ ކޯރުގެ އައްސޭރިފަށުގައި، މަރުވާ މީހުން އަންދާ އަދި ޖަނާޒާގެ ކަންކަން ބާއްވާ ސަރަހައްދަށް 2 ފިރިހެނަކު ދެއެވެ. އެމީހުންގެ އަތުގައި މަރުވާ މީހުން އަންދާލުމަށް ބޭނުންކުރާ ޒާތުގެ ވަކަރުތަކެއް ހުއްޓެވެ. އަދި ދެމީހުން ބަރިބަރިއަށް ވަކަރު ޖަހައި މަރުވި މީހާ އަންދަން ތައްޔާރު ކުރެއެވެ. ނަމަވެސް މީގައި ހައިރާންވާންޖެހޭ ކަމަކީ މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް އެމީހުން އެތަނަށް ގެނެސްފައި ނުވާތީއެވެ. ވަކަރުތައް ބިންމަތީގައި ޖެހުމަށް ފަހު އެތަނުން އެކަކު އޭގެ ތެރޭގައި އޮށޯވެއެވެ. ދެން ހުރިމީހާ އޮށޯވެގެން އޮތް މީހާގެ ބޯ ކިރިޔާ ފެންނަ ވަރަށް ވަކަރު ޖަހާ ފޮރުވާލައެވެ. މިގޮތަށް ނަގާފައިވާ 2 ފޮޓޯއެއް ފެނެއެވެ. ނަމަވެސް ފޮޓޯ ނެގީ އެމީހުން ކަމެއް ނުވަތަ ތިންވަނަ މީހަކު އެތަނުގައި ހުރިކަމެއް ސާފެއް ނުވެއެވެ.

މަރުވި ކަމަށް ހެދިގެން އޮތީ ބިހާރުގެ ސަރުކާރު ސްކޫލެއެއްގެ ޓީޗަރެއް ކަމުގައިވާ 39 އަހަރުގެ ނިރާޖް މޯދީއެވެ. ދެން އެތަނުގައި ހުރީ އޭނާގެ ބައްޕަ ރާޖަރާމް މޯދީއެވެ.

އަންހެން ކުުއްޖާ ރޭޕް ކުރި ނިރާޖް މޯދީ މަރުވި ކަމަށް ބުނެ ނަގާފައިވާ ފޮޓޯ

މިކަންތައް މިހެން ކުރުމަށް ފަހު ރާޖަރާމް މޯދީ ވަކީލަކާ އެކު އަވަށަށް ވުރެ ދުރު ހިސާބެއްގައި ހުންނަ ކޯޓަކަށް ދެއެވެ. އަދި އޭނާގެ ދަރިފުޅު ނިރާޖް މޯދީ 27 ފެބްރުއަރީގައި އޭނާ ދިރިއުޅޭ ގޭގައި މަރުވެފައިވާ ކަމަށް ބުނެ އަންދާލަން ތައްޔާރު ކޮށްފައި އޮއްވާ ނަގާފައިވާ 2 ފޮޓޯ ގަނޑާއި އެކަމަށް ބޭނުން ކުރި ވަކަރު ގަނެފައި ފިހާރައިން ދީފައިވާ ރަސީދުތައް ހެކީގެ ގޮތުގައި ކޯޓަށް ހުށައެޅިއެވެ.

އެއީ ނިރާޖް މޯދީގެ މައްޗަށް 12 އަހަރުގެ އަންހެން ކުއްޖަކު އޮކްޓޫބަރު 2018 ގައި ރޭޕްކުރިކަމުގެ ތުހުމަތު ފުލުހުން ކުރިތާ ހަވަނައަށް ވީ ދުވަހެވެ. މީނާ ވަނީ އަންހެން ކުއްޖާ ރޭޕް ކުރުމަށް ފަހު ވީޑިއޯ ހުރިކަމަށާއި އަދި ވީޑިއޯ އޮންލައިން ކޮށް ލީކް ކޮށްލާނެ ކަމަށް ބުނެ އެކުއްޖާއަށް ބިރުވެސް ދައްކާފައެވެ.

އަންހެން ކުއްޖާގެ މަންމަ ފުލުހަށް މައްސަލަ ޖެއްސުމުން، ހައްޔަރުކޮށްފައި 2 މަސް ދުވަސް ފަހުން ނިރާޖް މޯދީ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

މިދިޔަ އަހަރު ނިރާޖް މޯދީގެ "މަރަށް" ފަހު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. ނިރާޖުގެ ބައްޕަ، ކޯޓުގައި އޭނާ މަރުވި ކަމަށް ބުނެ ހެކި ހުށައެޅިތާ 2 މަސް ދުވަސް ފަހުން ކޯޓުން އޭނާގެ މަރުގެ ސެޓްފިކެޓް ހައްދައިދިނެވެ. އަދި މެއި މަހު ފުލުހުން ވަނީ ރޭޕް މައްސަލައިގެ ދައުވާ ލިބޭ ހަމައެކަނި މީހާ މިހާރު ދުނިޔޭގައި ނެތް ކަމަށް ބުނެ އެމައްސަލަ ބެލުން ހުއްޓާލާފައެވެ.

ހުރިހާ ކަމެއް މިހެން ދިޔަ އިރުވެސް ކުއްޖާގެ މަންމަ އޭނާގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލި މީހާ މަރުވި ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެއެވެ. ކުށުން ބަރީއަވުމަށް އޭނާ މަރުވީ ކަމަށް ހެދިގެން އުޅޭ ކަމަށް އަބަދުވެސް ޔަގީން ކުރިއެވެ. އެހެން ކަމުން މިކަމުގެ ހަގީގަތް ބެލުން އޭނާ އަށް ވަރަށް މުހިއްމުވިއެވެ.

އިންޑިއާގައި 7 ލައްކައާ ގާތްކުރާ އަދަދަކަށް އަވަށްތައް އޮންނަ އިރު، މަރުވާ ކޮންމެ 10 މީހަކުން 7 މީހަކު މަރުވަނީ އަވަށްތަކުންނެވެ. އަދި މިގޮތަށް މަރުވާ މީހުންގެ ތެރެއިން ގިނަ މީހުން މަރުވަނީ ގޭގައެވެ. އެހެން ކަމުން މަރުތައް ދެނެގަތުމުގައި ސަރުކާރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

އިންޑިއާގެ ބިހާރުގައި ވެސް މީހަކު ގޭގައި މަރުވުމުން އެމީހާގެ މަރު ސާބިތުކުރުމަށްޓަކައި އޭނާގެ ވާރިސަކު އެތަނުގެ ވިލެޖް ކައުންސިލަށް މަރުވިމީހާގެ އައިޑީ އަދި ފަސް ހެކިންގެ ސޮޔާ އެކު އައިޑީ ނަންބަރު ހުށައެޅުމުން އެކަންތައް ބަލާ ކޮމިޓީއަކުން ބެލުމަށް ފަހު ހަފްތާއެއްގެ ތެރޭގައި މަރުގެ ސެޓްފިކެޓް ހައްދައިދެއެވެ.

ނަމަވެސް މިހާތަނަށް މީގެ ވިލެޖެއްގައި މީހަކު މަރުވެފައި އެހެން ބަޔަކަށް އެކަން ނޭނގި ނެތް ކަމަށް އަންހެން ކުއްޖާގެ ވަކީލު ބުނެފައި ވެއެވެ. ސަބަބަކީ ވިލެޖްތަކުގެ އެންމެންވެސް އެއްބަޔަކު އަނެއް ބަޔަކަށް އިނގޭތީ ކަމުގައި ވެސް ބުނެފައި ވެއެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ މަންމައަށް ޝައްކުވާން ފެއްޓި ހިސާބަކީ ނިރާޖް މޯދީ މަރުވުމުން ވެސް މީހަކު މަރުވުމުން ކުރާ އެއްވެސް ކަމެއް އެމީހުންގެ ގޭގައި ނުކުރުމުންނާއި އަދި އޭނާ އަކީ ޓީޗަރަކަށް ވެފައި މަރުގެ ހަބަރު ވިލެޖްތެރޭގައި ވެސް ނުފެތުރުމުންނެވެ.

އެހެން ކަމުން އޭނާ މުޅި ވިލެޖްގެ ހުރިހާ ގެޔަކަށް ވަކި ވަކިން ގޮސް އެހަބަރު ލިބިފައިވޭތޯ ސުވާލު ކުރިއެވެ. ނަމަވެސް އެއްވެސް މީހަކަށް ނިރާޖް މޯދީގެ މަރުގެ ހަބަރު ލިބިފައެއް ނެތެވެ. އަދި ކޯޓަށް ގޮސް ވަރަށް އާދޭހާ އެކު މި މައްސަލަ ބަލައިދޭން އެދުމުން ގާޒީ ބުނެފައި ވަނީ ނިރާޖް މޯދީ ދިރިހުރި ކަމުގެ ހެކި ގެނައުމަށެވެ.

ވަގު ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ނިރާޖް މޯދީ މަރުވިކަމަށް އޭނާގެ ބައްޕަ ސެޓްފިކެޓް ހެއްދި ކަމަށް ބުނެ އަންހެން ކުއްޖާގެ މަންމަ، މެއި މަހު އަވަށުގެ އިސް އޮފިޝަލަކަށް ޕެޓިޝަނެއް ހުށައެޅިއެވެ. އޭގެ ފަހުން އެމައްސަލަ ހަލުވިކަމާ އެކު ކުރިއަށް ދާން ފެށިއެވެ. އޮފިޝަލް ތަހުގީގެއް ފައްޓައި އެކަންތައް ބެލުމަށް ވިލެޖްގެ ކައުންސިލަށް އެންގިއެވެ. އެގޮތުން ވިލެޖް ކައުންސިލުން އެއަވަށުގެ 250 ގެޔަށް ގޮސް ނިރާޖް މޯދީގެ މަރާ ގުޅިގެން ސުވާލުކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަމާ ބެހޭ މައުލޫމާތެއް ލިބިފައި ނުވެއެވެ. މީގެ އިތުރުން ބޯ ބޭލުމަކީ އެހިސާބުގައި މީހަކު މަރުވުމުން އާއިލާގެ މީހުން ކުރާ ކަމަކަށް ވާއިރު ނިރާޖް މޯދީގެ އާއިލާގެ އެއްވެސް މީހަކު މިކަންވެސް ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ނިރާޖްގެ ބައްޕަ ކޯޓަށް ހާޒިރުކޮށް އިތުރަށް މައުލޫމާތު ހޯދަން އެދުމުން އޭނާއަކަށް ނުދެވުނެވެ. އަދި އެހިސާބުން އެމީހުން ކޯޓަށް ހުށައެޅީ ނުބައި ލިޔުންތަކެއް ކަން އެނގި ދެމީހުންގެ މައްޗަށް ދައުވާ ކުރިއެވެ. އަދި ކޯޓުން ހެއްދި މަރުގެ ސެޓްފިކެޓް ބާތިލުކޮށް ޖުލައި މަހު އެމައްސަލަ ކޯޓުގައި އަލުން ބަލަން ފެއްޓިއެވެ. 9 މަސް ވަންދެން މަރުވީ ކަމަށް ހެދިގެން އުޅެފައި އޮކްޓޯބަރު މަހު ނިރާޖް މޯދީ ވަނީ އަމިއްލަ އަށް ފުލުސް އޮފީހަށް ގޮސްފައެވެ. ނަމަވެސް އޭނާ އެ އަންހެން ކުއްޖާ ރޭޕްކުރިކަމަށް އިންކާރު ކުރިއެވެ. އޭނާ އެ އިންކާރު ކުރި ނަމަވެސް ރޭޕްގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ މިދިޔަ މަހު ވަނީ 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އަނިޔާގެ ބަދަލެއްގެ ގޮތުން ރޭޕްގެ ޝިކާރައަކަށް ވީ އަންހެން ކުއްޖާއަށް 300،000 އިންޑިއަން ރުޕީސް ދިނުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަންހެން ކުުއްޖާ ރޭޕް ކުރި ނިރާޖް މޯދީ ހައްޔަރުކޮށްގެން ގެންދަނީ

އަންހެން ކުއްޖާގެ މަންމަ ބުނިގޮތުން 3 އަހަރު ދުވަސް ވަންދެން ވަރުބަލިކަމެއް ނެތި އޭނާ ކޯޓަށް ދިޔައީ ދަރިފުޅަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައެވެ. އޭނާގެ މި މަސައްކަތުގައި މާޔޫސް ކުރުވި އެތައް ކަމެއް ދިމާވި ކަމުގައާއި ނަމަވެސް ހިތްވަރު ދޫކޮށްލަން ބޭނުން ނުވި ކަމުގައި ބުންޏެވެ. މިކަހަލަ މައްސަލަ ސާބިތުކުރަން ވަރަށް އުނދަގޫ ވާނޭ ކަމުގައި ވަކީލު ބުނި ކަމަށާއި އަދި ކުށް ކުރި މީހާ ޖަލުން ނިކުމެ ބަދަލު ހިފާނޭ ކަމުގައި ބައެއް މީހުން ބުނި ކަމަށް ވެސް ބުންޏެވެ. އަނެއް ބަޔަކު، އެކަމަށް ވަރަށް ގިނަ ލާރި ހަރަދު ވާނޭ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އޭނާ ހުރީ ލާރި ހަރަދު ވިޔަސް ހަގީގަތް ހޯދުމަށް ކެތްމަދުވެފައި ކަމަށް ވެސް ބުންޏެވެ.

ފިރިމީހާ ވަޒީފާއަށް ދުރު ހިސާބަކަށް ގޮސްފައިވާ އިރު އަންހެން މީހާ އަދި ސްކޫލަށް ދާ އުމުރުގެ އޭނާގެ 2 ފިރިހެން ކުދިންނާއި އަންހެން ކުއްޖާއާ އެކު ދިރިއުޅެމުން ދަނީ ވަރަށް ފަގީރު ހާލުގައެވެ. އަންހެން ދަރިފުޅު ރޭޕް ކުރީވެސް ފާހާނާ ކުރުމަށް ކައިރީގައި އޮންނަ އުއްދަނޑި ދަނޑަކަށް ގޮސް ހުއްޓައެވެ. އަންހެން ކުއްޖާ ބިރުން މިވާހަކަ މަންމަ ކައިރީ ބުނެފައި ވަނީ ވެސް އޭގެ 10 ދުވަސް ފަހުންނެވެ. އަދި މީގެ އިތުރުން ސްކޫލުގައި ވެސް ނިރާޖް މޯދީ އެކުއްޖާ ގައިގައި ތަޅާ އަނިޔާކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. ކުއްޖާގެ މަންމަ ބުނި ގޮތުގައި މި ހާދިސާގެ ފަހުން އޭނާގެ ދަރިފުޅު ސްކޫލަށް ދާން ބިރުގަނެއެވެ. ނިރާޖް މޯދީ ހައްޔަރު ކޮށްފައި ހުރި 2 މަސް ދުވަހު ސްކޫލަށް ދިޔަކަމަށާއި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމުން އަނެއްކާ ވެސް ސްކޫލަށް ދިޔުން ހުއްޓާލި ކަމުގައިވެސް މަންމަ ބުންޏެވެ. އޭގެ ފަހުން މިހާރު 3 އަހަރު ވެފައިވާ އިރު، ދަރިފުޅު ވަނީ ނަފްސާނީ ގޮތުން އެއްކޮށް ބަލިވެފައި ކަމަށާއި، އަބަދު އިންނަނީ އެކަނި ނެގިމަޑުވެފައި ކަމުގައިވެސް އަންހެން ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލި އަނިޔާވެރިޔާ އަށް ހައްގު އަދަބު ލިބުނީތީ އުފާކުރަން. އެކަމަކު ދަރިފުޅުގެ މުޅި ދިރިއުޅުން ވަނީ ހުއްޓިފައި. އޭނާއަށް ވާނޭ ގޮތެއް ވެސް ނޭނގޭ
އަންހެން ކުއްޖާގެ މަންމަ

ދުނިޔޭގެ އެންމެ ގިނައިން ރޭޕް ކޭސްތައް ރިޕޯޓު ކުރެވޭ އެއް ގައުމަކީ އިންޑިއާ ކަމުގައި ވާއިރު، އަހަރަކު 30،000 އާއި 40،000 އާއި ދެމެދުގެ އަދަދަކަށް ރޭޕް ކޭސް އިންޑިއާ އިން ރިޕޯޓު ކުރެވޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.