މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ލެބޯޓަރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށްފުޅާކުރުމުގެ ގޮތުން، އާ ހިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިމަތް ތައާރަފްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި ހިދުމަތް ތައާރަފްކުރީ މިކަމަށްޓަކައި މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، ޑރ ހުސައިން ރަޝީދު ހަސަން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް ވިދާޅުވީ؛ އަލަށް ތައާރަފު ކުރެވިގެންމިދިޔަ ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިން ގެ ހިދުމަތަކީ ދިވެހިރާއްޖެގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނި ތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ.

އަދި މި ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުންލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމުގައިވެސް ޝާހް ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ދިވެހިރާއްޖޭގައި އަލަށް ތައާރަފް ކުރި މިހިދުމަތް، އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށް ކަމަށެވެ. މިހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުން، މިޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރުއެދިލެއްވުމުން އިކުއިޕްމެންޓް ހުރި ތަނަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޮސްގެންވެސް މި ހިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެއް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ހިދުމަތަށް އެދުމަށް އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކޮށް ނުވަތަ އެމްޑަބްލިއުއެސްސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅައިގެން ނުވަތަ ބޭނުންވާ މައުލޫމާތު މި މެއިލްއަށް ހިއްސާކޮށްގެން ކުރިޔަށްގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.