މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ލިވަޕޫލްއާ ސްޕެއިންގެ ރިއާލް މެޑްރިޑް ވާދަކުރި މެޗު ސްޕެއިންގެ ޓީމުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
މިދިޔަ ސީޒަންގައި ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގު އުފުލާލި ރިއާލުން ރޭ މޮޅުވީ ލިވަޕޫލް 2-0 އިން ކުރީގައި އޮއްވާ ފަހަތުން އަރާ ފަސް ލަނޑު ޖަހާ 2-5 ގެ ސްކޯލައިނަކުންނެވެ.
މިމެޗުގައި ލިވަޕޫލުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 4 ވަނަ މިނެޓްގައި ލިވަޕޫލްގެ ފޯވަޑް ޑާވިން ނިއުނިއޭޒްއެވެ. އެއަށް ފަހު މެޗުގެ 14 ވަނަ މިނެޓްގައި ރިއާލް ގެ ކީޕަރު ތީބޯ ކޯޓުއާ ހެދި ގޯހަކުން ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ ދިނީ މުހައްމަދު ސަލާހެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިއާލްއިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިދެލަނޑު ވެސް އެޓީމަށް ޖަހާ ދިނީ ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިޔާއެވެ. މީގެ ތެރެއިން ދެވަނަ ލަނޑަކީ ލިވަޕޫލްގެ ކީޕަރު އެލިސަން އަތުން ހެދުނު ގޯހަކުން ވަތް ލަނޑެކެވެ.
ދެވަނަ ހާފްގައި މުޅިންހެން ކުޅުނީ ރިއާލުންނެވެ. އަދި ހާފް ފެށުނު ތަނާހެން ލިބުނު ހިލޭ ޖެހުމަކުން ނަތީޖާ 3-2 އަކަށް ހެދި އިރު ރިއާލްއިން މެޗުގައި ދެން ޖެހި ދެލަނޑު ޖަހާ ދިނީ ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒިމާއެވެ.
މި ދެ ޓީމުގެ ދެމެދު ކުޅޭ ޓައިގެ ދެވަނަ ލެގު އޮންނާނީ އަންނަ މާޗް މަހުއެވެ.
ރޭ ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގައި ކުޅުނު އަނެއް މެޗުގައި އިޓަލީގެ ނަޕޮލީ ވަނީ 2-0 އިން ޖާމަނީ ފްރޭންކްފާޓް ބަލިކޮށްފައެވެ. މިމެޗުގައި ނަޕޮލީއަށް ލަނޑު ޖަހާ ދިނީ ވިކްޓާ އޮސިމަން އަދި ޖިއޮވާނީ ޑި ލޮރެންޒޯއެވެ. މިމެޗުގައި ފްރާންކްފާޓްގެ ރެންޑަލް ކާލޯ މުއާނީ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.