ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުމުގައި އެމެރިކާ އާއި ރަޝިއާއަށް މިންވަރުތަކެއް ކަނޑައަޅާ ދެގައުމުން އެއްބަސްވެފައި އޮތް މުއާހަދާ ނިމުމަކަށް ގެންނާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އެރިތާ އަހަރު ފުރުމާ ދިމާކޮށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ޕުޓިން ވިދާޅުވީ، ހާލަތު މިހާތަނަށް މަޖުބޫރު ކުރުވި ކަމަކީ، ނިއުކްލިއާ މުއާހަދާ ނިމުމަކަށް ގެނައުން ކަމަށާއި ހުޅަނގުން ބޭނުންހާ ގޮތަކަށް ދުނިޔެއަށް އަތްގަދަ ކުރަން ފުރުސަތު ދެވެން ނެތް ކަމަށެވެ.

އެންމެ ގިނައިން ނިއުކްލިއާ ވޯހެޑް ހުރި ގައުމަކީ ރަޝިއާ ކަމަށް ވާއިރު އެގައުމުގައި 6000 ވޯހެޑް އެބައޮތެވެ. ދެން އެންމެ ގިނައިން ހުރީ އެމެރިކާގައެވެ. މި ދެގައުމުން ދުނިޔެއަށް ނިއުކްލިއާ ހަމަލާ ދޭން ފަށައިފިނަމަ، އެއީ ދުނިޔެ އެތައް ބުރަކަށް ސުންނާފަތި ކޮށްލެވޭ ވަރުގެ ގާބިލުކަމެއް ކަމަށް މުރާސިލުން ބުނެެއެވެ.

ނިއުކްލިއާ މުއާހަދާ ނިމުމަކަށް ގެންނަވާނެ ކަމަށް ޕުޓިން އިއުލާން ކުރެއްވުމާއެކު ވައިޓްހައުސް އާއި ނޭޓޯއިން ވެސް ވަނީ ރައްދު ދީފައެވެ. ވައިޓްހައުސް އިން ބުނީ، އެ މުއާހަދާއިން ރަޝިއާ ނިކުތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެމެރިކާ އާއި ބައިވެރިން ދިފާއުކުރަން އެމެރިކާ ފަސް ނުޖެހޭނެ ކަމަށެވެ. އޭގެ މާނަ އަކީ، ރަޝިއާއިން ނިއުކްލިއާ ހަތިޔާރެއް ނުވަތަ ވޯހެޑެއް ފޮނުވާލައިފިނަމަ ރައްދު ދޭނެ ކަމަށެވެ. މިއާއެކު އެމެރިކާއިން އިތުރަށް ބުނީ، ދެގައުމުގެ ދެމެދުުގައި ކޮންމެ ފަދަ ހާލަތެއް އޮތަސް އަދި ދުނިޔެ ކޮންމެ ފަދަ ނުތަނަވަސްކަމެއްގައި އޮތް ނަމަވެސް، ނިއުކްލިއާ މުއާހަދާ އާ ގުޅޭ ގޮތުން ރަޝިއާ އާ މަޝްވަރާ ކުރުމަށް އެމެރިކާ އޮންނާނީ ތައްޔާރަށް ކަމަށެވެ.

މި މައްސަލައިގައި ނޭޓޯއިން ބުނީ، ރަޝިއާގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

ޕުޓިންގެ ވާހަކައިގައި ޔޫކްރައިން ހަނގުރާމަ އަކީ، ހުޅަނގުގެ ބޭނުމެއް ފުއްދަން ޔޫކްރައިން ލައްވާ ކުރުވާ ކަމެއް ކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މުޅި ދުނިޔޭގެ ސުޕަ ޕަވަރަކަށް ވުމަށް ހުޅަނގުން ދެކެނީ ހުވަފެނެއް ކަމަށާއި، ޔޫކްރައިން ހަނގުރާމަ ފެށީވެސް ހުޅަނގުން އެބޭނުމުގައި ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ރަޝިއާއިން ހަނގުރާމަ ކުރަނީ ޔޫކްރައިންގެ ރައްޔިތުންނާ ނޫން ކަމަށާއި، ޔޫކްރައިންގެ ރައްޔިތުން ހޮސްޓެޖުންގެ ގޮތުގައި ހަދައިގެން އުޅެނީ ޔޫކްރައިންގެ މިހާރުގެ ސަރުކާރުން ކަމަށެވެ.

އަދި ޔޫކްރައިނަށް މަދު ވެރިވެ، ރަޝިއާގެ ބޯޑަރާ ކައިރީގައި ނޭޓޯގެ ފައުޖުތައް ގާއިމު ކުރަން މަސައްކަތް ކުރާ ކަމަށާއި، އެއީ ރަޝިއާގެ ސަލާމަތައި އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމުން އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަނގުރާމައިގެ މައިދާނުގައި ރަޝިއާ ބަލި ކުރުމަކީ ހުޅަނގަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ޕުޓިން ވަނީ ހުޅަނގަށް ގޮންޖައްސަވާފައެވެ.

މިއާއެކު އެމެެރިކާ އާއި ހުޅަނގުން ބުނީ، އެއްވެސް މީހަކު ރަޝިއާ އަށް ހަމަލާ ދޭން ނޫޅޭ ކަމަަށެވެ.