ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ހަރުކަށި ގަވާއިދެއް ގެޒެޓްކޮށްފިއެވެ.

މި ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ސްޕާ ތަކުން ދޭ ހިދުމަތަކާ ބެހޭ މައުލޫމާތު ނުވަތަ އެ ހިދުމަތެއްގެ ވީޑިއޯ ނުވަތަ ފޮޓޯ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިންގަނޑުތަކާ ހިލާފަށް އިސްތިހާރުމަކީ މަނާކަމެކެވެ.

އެގޮތުން މުުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަނޑު ކަމަށް އާންމުގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރާއި އަދި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތާއި އަޑު އިސްތިހާރުގައި ބޭނުމެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން ސްޕާތައް އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރު ކޮށްފައެވެ.

އިސްތިހާރު ކުރުމުގެ އިތުރުން މި ގަވާއިދުގައި ސްޕާތައް ރަޖިސްޓްރީކުރުމާއި، ހިންގުން އަދި އިންސްޕެކްޓް ކުރުމަށް ވެސް ވަނީ ގިނަ އުސޫލުތަކެއް އެކުލަވާލާފައެވެ.

މިގޮތުން އެ ގަވާއިދުގެ ދަށުން ރާއްޖޭގައި ދެން ސްޕާތައް ހިންގޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެންނެވެ. ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިންގަމުންދާ ސްޕާތައް ރަޖިސްޓްރީކޮށް ދަފުތަރު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން، ސްޕާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ވާންވާނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެކަން ކުރުމުގެ ހުއްދަ އޮތް އަދި ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވޯކް ޕާމިޓެއް އޮތް ފަރާތަކަށެވެ.

ސްޕާތަކުގައި މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އިސްލާހުކުރަން އަންގާ ކަންކަން އިސްލާހު ނުކުރުމާއި ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް ވެސް މިގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.

ގަވާއިދާ ހިލާފަށް ސްޕާތައް ހިންގާނަމަ ނަމަ އެތަނެއް ވަގުތުން ބަންދުކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ސްޕާތައް އިސްތިހާރުކުރުމުގައި މިފަދަ ހަރުކަށި އުސޫލުތަކެއް ނެރެފައިވަނީ މިހާރު ރާއްޖޭގައި ހިންގާ ބައެއް ސްޕާތަކުން އެ ތަންތަނުގައި ހިދުމަތްދޭ ފަރާތްތަކުގެ މަންޒަރާއި އަޑު ބޭނުންކޮށްގެން ބޭއަދަބީ އިސްތިހާރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.