މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ މެޗު މިރޭ ކުޅޭ އިރު މީގެ ތެރެއިން އެއް މެޗުން ފެނިގެންދާނީ މި ދިޔަ ސީޒަންގެ ފައިނަލްގައި ކުޅުނު އިންގްލޭންޑްގެ ލިވަޕޫލްއާއި ސްޕެއިންގެ ރިއާލް މެޑްރިޑްއެވެ.
މިދިޔަ ސީޒަންގެ ފައިނަލް މެޗު 1-0 ގެ ހަނި ސްކޯއަކުން ލިވަޕޫލް ބަލިކޮށް ރިއާލް ތަށި ހޯދި އިރު އެމެޗުގެ ހަމައެކަނި ލަނޑު ޖެހީ ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިއާއެވެ. 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލްގައި ވެސް މި ދެޓީމުން ވާދަކުރި އިރު އެ މެޗު ވެސް ކާމިޔާބުކޮށް ތަށި އުފުލާލީ ރިއާލުންނެވެ. އެމެޗު ރިއާލް ކާމިޔާބުކުރީ 1-3 ގެ ސްކޯ ލައިނަކުންނެވެ.
މިރޭ ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ރިއާލްއަށް އަނިޔާގެ މައްސަލަތައް އެބަހުއްޓެވެ. މިގޮތުން މެދުތެރެއިން ކުޅޭ ޓުކަމޭނީ އަދި ޓޯނީ ކްރޫޒް ސްކޮޑާއި އެކު ލިވަޕޫލަށް ގޮސްފައި ނުވާ އިރު ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒިމާ މެޗު ފަށާނީ ބެންޗުން ކަމަށް ބެލެވެއެވެ.
ލިވަޕޫލްއަށް ބަލާ އިރު މި ސީޒަންގައި އަދި ވެސް އެޓީމު ފޯމަކަށް ނޭޅެއެވެ. އެހެން ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެ ޓީމުގެ ކޮންފިޑަންސް އިތުރުވެފައިވާ އިރު އަނިޔާގައި ތިބި ބައެއް ކުޅުންތެރިން އަލުން ސްކޮޑާއި ގުޅުމުން ޓީމުގެ ރޫހު މިވަނީ އުފުލިފައެވެ.
މިރޭ ޖަރުމަނުގެ ފްރޭކްފާޓް އަދި އިޓަލީގެ ނަޕޮލީ ވެސް ޗެމްޕިއަންސްގެ ލީގުގެ ގަދަ 16 ގެ ހަތަރު ވަނަ ޓައިގެ ފުރަތަމަ ލެގްއަށް ނިކުންނާނެއެވެ. ފްރޭންކްފާޓްގެ ދަނޑުގައި ކުޅޭ މިމެޗަށް އެޓީމު ނިކުންނަ އިރު އެޓީމު މި ވަގުތު އޮތީ ބުންޑާސްލީގް ތާވަލުގެ 6 ވަނައިގައެވެ. އަދި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.
އެޓިމާ ވާދަ ކުރާ ނަޕޮލީއަކީ މި ސީޒަންގައި އެންމެ ފޯމްގައި އޮތް އެއް ޓީމެވެ. މި ގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު 5 މެޗުން ވެސް މޮޅުވެފައިވާ އިރު ނަޕޮލީ އޮތީ އިޓާލިއަން ސީރިއާގެ ތާވަލުގެ 1 ވަނައިގައި 18 ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ.
މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ 16 ސޯޅައިގެ މެޗުތައް އޮންނާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާ އިރުއެވެ.