އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާއާއި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިޖީއެމްއޗްގެ ނަރުސް ހަލީމަތު ލަމްހާ އަދި ފިރިމީހާ، މާވިން އެސް ވައި ވާގަސް ޗެޓުލޮގް ޕްރިންޓްކޮށްގެން ލަމްހާ ގެންދިޔަ ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ 2021 ވަނަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި މިހާރު ހެކި ބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު މިއަދު ހެކިބަސް ނަގާފައިވަނީ ފުލުހުގައި މަސައްކަތް ކުރާ ލަމްހާގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު މުބީންއާއި އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް ކަމަށްވާ މަރިޔަމް ލައުޒާ އިތުރުން ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދުގެއެވެ.

ދ. ވާނީ ޕޮލިސް އެކަޑަމީ ޓްރެއިނިންގައި ހުރުމުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހެކިބަސްދެމުން މުބީން ބުނީ އޭނާއަށް ލަމްހާ އާއި މާވިންގެ ގުޅުން ލަމްހާ ހިއްސާކުރަމުން ދިޔަ ކަމަށާއި މާވިން އާއި ލަމްހާ ދައްކާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތައް މާވިންގެ ފޯނުން ފެނިގެން މޭރީއަށް އެ ސިއްރު ގުޅުން އެނގިގެން ދިޔަކަން އެނގޭ ކަމަށެވެ.

އެކަންތައްތައް ސުލްހަކުރުމަށް ލަމްހާ އެދުމުން މޭރީއާ ވަރަށް ގިނައިން ގުޅާ އަދި މެސެޖުކޮށް ވާހަކަދެއްކި ކަމަށާއި މޭރީއާ ބައްދަލުކުރި ކަމަށްވެސް މުބީން ވަނީ ބުނެފައެވެ. އަދި މާވިން އިސްލާމްވިތޯ ބެލުމަށް މޭރީ އެދުނު ކަމަށްވެސް މުބީން ބުންޏެވެ.

ލަމްހާ ޕްރިންޓްކޮށްގެން ގެންދިޔަ ޗެޓްލޮގްތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރި ކަމަށް އޭނާ ބުނެއެވެ. މޭރީ މަރުވި ދުވަހު ލަމްހާ ގުޅިކަމަށާއި ދެއްކީ މޭރީ އަމިއްލަ ނަފްސަށް ގެއްލުންދީ މާވިން ޑީޕޯޓްކުރަން މަސައްކަތް ކުރަން އުޅޭ ވާހަކަތައް ކަމަށާއި މޭރީ މަރުވިފަހުންވެސް ލަމްހާ ގުޅާ އެހަބަރު ދިން ކަމަށް މުބީން ވަނީ ހެކިބަސްދެމުން ބުނެފައެވެ. އަދި އެ ދުވަހު އައިޖީއެމްއެޗުން ލަމްހާއާ ބައްދަލުވިއިރު މޫނު މޫނު މަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ފެންނަން ނެތް ކަމަށާއި ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިލައިގެން ހިނިތުން ވެފައި ކަމަށް ވެސް މުބީން ބުނެއެވެ.

މުބީން ބުނީ އެ ދުވަހަށްފަހު އެ މައްސަލާގައި ދެން ވާނެ ގޮތަކާ ގުޅިގެން ލަމްހާ އެކި ފަހަރުމަތިން ގުޅާ ސުވާލުކުރި ކަމަށާއި މުބީންގެ އިތުރުން އެހެން މީހުންނަށް ގުޅާވެސް އެ ސުވާލުކުރި ކަމަށެވެ.

ދެން މިއަދު ހެކިބަސްދިން އާދަމް މުހައްމަދު ބުނީ މާލޭގެ އެކި ސަރަހައްދުތަކާއި މޭރީ އުޅުނު ގޭގެ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރިއިރު ވީޑިއޯތަކުން ފެންނަނީ މާވިން ކަން ޔަގީންކަމާ އެކު ބުނަން އެނގުނަސް ދެން ފެންނަ މީހަކީ ލަމްހާ ކަން ޔަގީން ނުވާ ކަމަށެވެ.

ސީސީ ފުޓޭޖްތަކުގެ ވާހަކަތައް ދައްކަމުން އާދަމް ބުނީ މޭރީ މަރުވި ދުވަހު ސައިކަލުގައި މާވިން މޭރީ އައިޖީއެމްއެޗަށް ގެންދިއުމަށްފަހު ގެއަށް ގޮސް އެ މީހުންގެ ދަރިފުޅު ގޯޅިއެއްގެ ތެރޭގައި ހުރި މީހަކާ ދަރިފުޅު ހަވާލުކުރާ ކަމަށާއި އެހެންނަމަވެސް އެ މީހާ އެއްވެސް ކެމެރާއަކަށް ނާރާ ކަމަށް އާދަމް ބުނެއެވެ. އަދި އެއަށްފަހު ގެއަށް ގޮސް ކޮތަޅެއް ހިފައިގެން ނިކުމެ ގޭގެ ބޭރުގައި ހުރި މީހެއްގެ އަތުން ޑޮލަރު ގަންނަ މަންޒަރު ފެންނަ ކަމަށާއި އޭގެ އިރުކޮޅެއް ފަހުން މޭރީ ގެއަށް ވަންނަތަން ފެންނަ ކަމަށް އާދަމް ވަނީ ބުނެފައެވެ.

އާދަމް ބުނީ އެއަށްފަހު އެ މީހުންގެ ދަރިފުޅު ގޮވައިގެން އައި މީހާ އަށް މަތިން ތަޅުދަނޑި ވައްޓާލުމުން އެ އިމާރަތައއް ވަން ކަމަށާއި އޭގެ ވިއްސަކަށް މިނެޓުފަހުން އިމާރާތުގެ ދޮރުގެ ތަޅު ޓީޝާޓުގެ އަތުކުރިން އެ މީހާ ހުޅުވުމަށްފަހު ނިކުމެގެން ދިޔައީ ކަމަށެވެ. އެ މީހާ ނިކުމެގެން ދިއުމުން އެމްބިއުލާންސް ގެނެސް މޭރީގެ ހަށިގަނޑު ގެންދިޔައިރު މާވިން އެތަނުގައި ހަރަކާތްތެރިވި ކަމަށެވެ.

ދެން ހެކިބަސްދިން އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް ކަމަށްވާ މަރިޔަމް ލައުޒާ ބުނީ މާވިންއާ ސުވާލު ކުރުމުން މޭރީ މަރުވީ ބެޑް ޝީޓެއް ބޭނުންކޮށްގެން ކުޑަދޮރެއްގައި ދަންޖެހިގެން ކަމަށް ބުނި ކަމަށާއި މޭރީ މަރުވެފައި އޮތް އިރު މީނު ރަތްވެ، ލައިގެން ހުރި ހެދުން ތެމިފައިވާ ކަމަށެވެ. އަދި ފައިގައިވެސް ޒަހަމްތަކެއް ހުރި ކަމަށް ލައުޒާ ބުންޏެވެ.

އެ ގެއަށް ދިޔައިރު ކުޑަދޮރު ކައިރީގައި ވެއްޓިފައި ބެޑްޝީޓެއް އޮތް ކަމަށާއި އެތަނުގައި ސިރިންޖް ހުސްކުރި ޕެކެޓަކާއި ފަސް ލީޓަރުގެ ފެން ފުޅިއެއް އޮތް ކަމަށް ލައުޒާ ވަނީ ބުނެފައެވެ.