ތުރުކީއާ ސީރިއާގެ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ދެ ގައުމުގެ މީހުންނަށް އެހީވުމަށް ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކުން ކުރިއަށް ގެންދިޔަ "އެއް އުއްމަތަކޭމީ" ކެމްޕޭނަށް ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފިއެވެ.

މި ފަންޑަށް ފައިސާ ހޯދުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން އޮންލައިން ޓްރާންސްފާ މެދުވެރިކޮށް ފައިސާ ބަލައިގަނެފައިވެއެވެ. އެގޮތުން ނަގުދު ފައިސާގެ ގޮތުގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނު އިރު، ޓްރާންސްފާގެ ގޮތުގައި 400،000 ރުފިޔާ ލިބުނު ކަމަށް މި ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން މައުލޫމާތު ދިނެވެ.

މި ކެމްޕޭނަށް ފައިސާ ހޯދުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިތުރުން ބައެއް އާންމު ތަންތަނުގައި ފަންޑު ފޮށި ބަހައްޓާފައިވެއެވެ. މީގެ އިތުރުންވެސް ބައެއް ރަށް ރަށުގެ ނަމުގައި މި ފަންޑަށް ދީލަތި އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ. ލިބިދިޔަ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސީރިޔާ އާއި ތުރުކީގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ކާނާ އާއި އަންނައުނު ފޯރުކޮށްދިނުމަށް ކަމަށް އައިއޭސީ އިން މައުލޫމާތު ދިނެވެ.

ފައިސާ ރަސްމީކޮށް ހަވާލު ކުރުމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު، ފަންޑަށް ފައިސާގެ އެހީ ދިނުމަށް ދިވެހިންގެ ފަރާތުން ލިބިދިން އެއްބާރުލުމާއި ދެއްކި ނަމޫނާ ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ. މި ފައިސާގެ އިތުރުން ވެސް ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް، އައިއޭސީ އާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދިވެހިން އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ.

އޭއައިސީ އިން ދިވެހިންގެ ނަމުގައި ފޯރުކޮށްދިން އެހީ ހިފައިގެން ކުޑަކުއްޖަކު

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،000 އަށް ވުރެ މަތިވެފައެވެ. މި ބިންހެލުމާއެކު، އައި ކުދިކުދި ލޮޅުންތަކުގެ އަދަދު 2،364 އަށް އަރާ އިރު، ފުރަތަމަ ބިންހެލުން އައިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ސަރަހައްދަށް ދެވަނަ ބިންހެލުމެއްވެސް އައެވެ.

މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ދިވެހި ފަރުދުންގެ ފަރާތުން ލިބިދޭ އެއްބާރުލުމަކީ ދިވެހިންގެ ހިތްހެޔޮކަމާއި ދީލަތި ކަމުގެ ނަމޫނާއެކެވެ.