ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީގެ އަވަށެއް ދެބުރި ވެއްޖެއެވެ.

ގާތްގަނޑަކަށް 11 ޕްރޮވިންސަކަށް ބިންހެލުމުގެ ބަރު ލޮޅުން އަރާ އިމާރާތްތައް ވެއްޓި ފުނޑުފުނޑު ވެ ލިބުނު ގެއްލުން ބިލިއަން ޑޮލަރަށް އަރާފައި ވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 46،000 އަށް އަރާފައެވެ. އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ. ބިންހެލުމުގެ ބާރު ލޮޅުމުގައި އިމާރާތްތައް ވެއްޓި ޝަހަރުތައް ގާކުނޑީގެ ސަހަރާތަކަށް ބަދަލުވެފައި ވާ އިރު، ބިންގަނޑު ކަނޑައިގެން ދިޔުމާއި މަގުތައް އެފުށް މިފުށަށް ޖެހުމާއި، ވާދީތަކުގައި ބޮޑެތި ބޮޑެތި ވަޅުގަނޑުތައް ހެދިގެން ދިޔަ އިރު ތުރުކީގެ ކުޑަ އަވަށެއް ކަމަށްވާ ޑެމިރްކޮޕްރޫ ވަނީ ދެބުރި ވެފައެވެ.

އެ ވިލެޖްގައި ބޮޑު މަގަށް ވާގޮތަށް މީގެ ކުރިން ހުރި އުސް އިމާރާތެއް ކަމަށްވާ "ގްރޭ ހައުސް" އަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މިހާރު އެ ގެ ވަނީ ވަޅުލެވި އެއް ފަންގިފިލާގެ ކުޑަގެއަކަށް ބަދަލުވެފައެވެ. ނުވަތަ މިހާރު ފެންނަން ހުރީ އެއް ފަންގެފިލާ ހާ ތަންކޮޅެކެވެ.

1،000 މީހުން ދިރިއުޅޭ ޑެމިރްކޮޕްރޫގެ އިމާރާތަތަކުގެ ވަށައިގެން މިހާރު ވަނީ ފަޅަފަޅައިގެން ގޮސްފައިވާ ޕޭވްމަންޓްތަކާއި ހަލާކުވެފައިވާ ގެތަކުގެ ކަނކުނޑިތަކެވެ. މުޅިތަން ވަނީ ވީނާރާވެފައެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

މިމަހުގެ ހަ ވަނަ ދުވަހު އައި ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާގެ 46،000 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. ކަރަންޓާއި ފެން ކެނޑި ބޯ ފިނީގައި އާއިލާތައް ކަރުނަ އަޅަމުން ދިޔައީ މައިންބަފައިންނާއި އަނބިދަރީންނާއި ރައްޓެހި ރަހުމަތްތެރިން ގެއްލި ދިޔުމުގެ ހިތާމައާއި ރީތިކޮށް އުޅެއުޅެ ތިބި ގެދޮރު ސުންނާފަތި ވުމުގެ ހިތާމައިގައެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

ޑެމިރްކޮޕްރޫ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ ދަނޑުވެރިއެއް އަދި ގްރީން ހައުސްގެ ވެރިއެއް ކަމަށްވާ މާހިރު ކަރަޓަސް ބުނެފައި ވަނީ ބިންގަނޑު ގުދައިގެން ދިޔައިރު އެ އިހުސާސް ބުނެދޭނެ ނޭނގޭ ކަމަށާއި ވާނުވާ ސާފުވާ ވަރުވި އިރު ގެތައް ވަނީ ގަނބައިގެންފައި ކަމަށެވެ. އަދި އެ ގެތައް ގާތްގަނށްކަށް ހަތަރު މީޓަނު (13 ފޫޓު) އަޑިއަށް ގޮސްފައި ވާ ކަމަށް އޭނާ އަންދާޒާ ކުރެއެވެ.

ކަރަޓަސްގެ ގެއާ ކައިރީގައި ހުރި 6 ވަރަކަށް ގެއަށް ބަލައިލުމުން ހީވަނީ ކޯފާއެއް އައިސްފައި ހުރިހެން ކަމަސް ވެސް އޭނާ ބުންޏެވެ. އެ ބިރުވެރި މަންޒަރު ސިފަކޮށްދެމުން އޭނާ ބުނީ ކަޅާއި ހުދު ކުލައިގެ ގެރިއެއްގެ ހަށިގަނޑު ފަޅު ޝެޑެއްގެ ތެރޭގައި ހުރި އެއްޗެހިތަކެއްގެ ތެރޭގައި ތާށިވެފައި ވެސް ވާކަމަށެވެ.

ޑެމިރްކޮޕްރޫ އަށް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް މީހުންނަށް އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކު މަރުނުވެ ވަނީ ސަލާމަތް ވެފައެވެ. ހަޓޭ ޕްރޮވިންސްގައި ހިމެނޭ އެ ވިލެޖް ކުދި ކުދި ވެފައި ވާއިރު ބިން ހެލުމުގެ ސަބަބުން ޑެމިރްކޮޕްރޫއާ 20 ކިލޯމީޓަރު (12.5 މޭލު) ދުރުގައި އޮންނަ ގަދީމީ ސިޓީއެއް ކަމަށްވާ އަންޓަކްޔާ ވެސް ވަނީ ފަޅަފަޅައިގެން ގޮސްފައެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

ޒީނަތްތެރިކޮށް، ތާރު އަޅާ، އަދި ގާ އަތުރައިގެން ހަދާފައިވާ މަގުތަކުގެ ބައެއް ބައިތައް އެހެން ބައިތަކަށް ވުރެ މީޓަރެއް އުސްވެފައި ވާއިރު އެތަން މެދުން ބައިވެ ކޯރެއް ހެދި ޖަޒީރާ އަކަށް ވެގެން ދިޔައީ ކަމަށް އެ ސަރަހައްދުގެ ދިރިއުޅެމުން ދާ އުމުރުން 38 އަހަރުގެ މުއްރަތު ޔާރް ވަނީ ސިފަކޮށްފައެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

ބިންހެލުމުގެ ރާޅުތައް ސިފަކޮށްދެމުން އެ ސަރަހައްދުގައި ދިރިއުޅޭ ޔާރް ނަމަކަށް ކިޔާ މީހަކު ބުނީ ފުރަތަމަ މައްޗަށް ދެން ތިރިއަށް އަނެއްކާ 30 އަކަށް މީޓަރު މައްޗަށް އަރާ ތިރިއަށް ވެއްޓުނީ ކަމަށާއި ފެނާއި ވެލި ވެސް ފޭބިތަން ފެނުނު ކަމަށެވެ. އަދި އެ ސަރަހައްދުގައި އެއް ފަންގެފިލައާއި އަދި ދެ ފަންގިފިލާއަށް ހުންނަ ގެތަކުގެ ކުޑަދޮރުތަކުން މީހުންތައް ފުންމާތަން ވެސް ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިންހެލުމެއް ފަދަ ކާރިސާއެއް ހިނގާފާނެ ހާލަތެއްގައި ދާން އޮންނަ ރައްކާތެރި ސަރަހައްދުގައިވެސް ރެނދުތައް ލައިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

އިތުރަށް އޭނާ ބުނީ އެއް ސްކޫލެއްގެ ގޭޓު 20 މީޓަރު ދުރަށް ވިއްސައިގެން ގޮސްފައި ވާއިރު ދުރުގައި ހުރި އެހެން ހަތަރު ސްކޫލެއް ބަރި ބަރިއަށް ވެއްޓިފައި ވާ ކަމަށެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާއެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

ބިންހެލުމުގެ ބިރުވެރިކަމާއި ނާމާންކަން ސިފަ ކުރެވުނު ގޮތް ބަޔާން ކޮށްދެމުން ޔާރް އިތުރަށް ބުނެފައި ވަނީ އެ އަވަށުގެ އެންމެން މަރުވެދާނެ ކަމަށް ހީކުރެވުނު ކަމަށާއި އެހެން ވެއްޖެ ނަމަ އެންމެން ނިމިދިޔައީ ކަމަށް އަމިއްލަ ނަފްސަށް އިހުސާސް ކުރެވުނު ކަމަށެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް / ފޮޓޯ: އެޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)

‎އުމުރުން 58 އަހަރުގެ ހެޓިސް ސަހާން ނަމަކަށް ކިޔާ އަންހެނަކު ބުނީ، ހަ ވަނަ ދުވަހަށް އަލިވިލުނީ، އެންމެންވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ ކަމަށާއި "ގިޔާމަތް ވީ" ކަމަށް ވެސް ހީކުރެވުނު ކަމަށެވެ.

މީގެ 100 އަހަރު ކުރިންވެސް ތުރުކީއަށް މި ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ. އެފަހަރުގެ ބިންހެލުމުގައި 30،000 މީހުން މަރުވި އިރު މިފަހަރުގެ ބިންހެލުމުގައި ލިބުނު ގެއްލުން މާ ބޮޑު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އާންމުކޮށް މި ބާރު މިނުގައި ހިކިފަސް ތަންތަނަށް ބިންހެލުން ނާންނަ ކަމަށާއި މިއީ މި ބާރުމިނުގައި ހިކިފަސް ތަނަކަށް އައި ކަމަށް ރެކޮޑް ކުރެވުނު 6 ވަނަ ބިންހެލުން ކަމަށެވެ. ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި ތުރުކީގެ މި ބިންހެލުމާ ގުޅިގެން 2364 އާފްޓާ ޝޮކް ނުވަތަ ކުދި ލޮޅުން ވަނީ އައިސްފައެވެ. މިއީވެސް ރެކޯޑް އަދަދެއް ކަމަށް ބުނެއެވެ.

ބިންހެލުމުގައި ޑެމިރްކޮޕްރޫ ދެބުރި ވި އިރު، އެތައް ހާސް ފޫޓުގެ ދުރުމިނަކަށް 20 އަކަށް ފޫޓު ފުޅާ މިނުގައި ބޮޑު ވަޅުގަނޑެއް (މަގެއް) ހެދި ފެން އަރާ ވަނީ ފުރިފައެވެ.