އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ ކޮޅަށް 4 ލަނޑު ޖަހާ ތިން ޕޮއިންޓް ހޯދައިގެން އާސަނަލް އަލުން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
މިދިޔަ ބުދަ ދުވަހު އާސަނަލް ތާވަލުގެ ދެވަނަ އަށް ވެއްޓުނީ މެންޗެސްޓާ ސިޓީ އަތުން 3-1 އިން ބަލިވުމުންނެވެ. އަދި އެމެޗަށް ފަހު ސިޓީ ތާވަލުގެ އެއްވަނައަށް އެރި ނަމަވެސް އާސަނަލްއިން އެންމެ ފަހުން ކުޅުނު ހަތަރު މެޗު ހޯދުނު ފުރަތަމާ މޮޅާއެކު އެޓީމު މިވަނީ އަނެއްކާވެސް ސިޓީގެ ކުރިއަށް އަރާފައެވެ.
އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އެޓީމުންނެވެ. މިގޮތުން މެޗުގެ 5 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އޮލީ ވޮޓްކިންސްއެވެ.
އެއަށް ފަހު މެޗުގެ 16 ވަނަ މިނެޓްގައި އާސަނަލްގެ ހުނަރުވެރި ފޯވަޑް ސަކާ ވަނީ ލަނޑެއް ޖަހާ ސްކޯ ހަމަހަމަކޮށްފައެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޓަން ވިލާއިން އަނެއްކާވެސް ލީޑު ނެގިއެވެ. މެޗުގެ 31 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކޮޓީނިއޯއެވެ.
ދެވަނަ ހާފްގައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ އާސަނަލްއިން ތިން ގޯލު ޖަހާ ސްކޯ 4-2 އަކަށް ހެދުމުންނެވެ. މިގޮތުން އެޓީމުގެ ޒިންޗެންކޯ އަދި މާޓިނެލީ ލަނޑު ޖަހާފައިވާ އިރު އަނެއް ލަނޑަކީ ވިލާގެ ކީޕަރު މާޓިނޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މެޗުން މޮޅުވެ އާސަނަލްއަށް ތިން ޕޮއިންޓް ކަށަވަރުވި އިރު ރޭ ސިޓީ އަތުން ދެ ޕޮއިންޓް ވަނީ ގެއްލިފައެވެ. އެއީ އެޓީމާ ނޮޓިންހަމް ފޯރެސްޓް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބާނާޑޯ ސިލްވާއެވެ. އެހެން ނަމަވެސް މި ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދައްކާފައި ނުވާ ސިޓީގެ ކޮޅަށް މެޗުގެ 84 ވަނަ މިނެޓްގައި ފޯރެސްޓިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.