ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އަނެއްކާ ވެސް ގާސިމް އިބްރާހިމް ކުރިމަތި ލައްވައިފިއެވެ.
މިއީ ގާސިމް، ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާ ހަތަރު ވަނަ ފަހަރެވެ.
ޕާޓީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލެއްވި އިރު ޕާޓީގެ ނައިބު ލީޑަރު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ ކުރިމަތިލައްވާފައެވެ.
އެމަގާމަށް ނަހުލާގެ އިތުރުން ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ މިނިސްޓަރު އަމީން އިބްރާހީމް އާއި ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު އާއި ސްޓޭޓް ވަޒީރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ އާއި ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް އަދި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހްމަދު ވަނީ ކުރިމަތިލައްވާފައެވެ.
މީގެ އިތުރުން ކުރީގެ މިނިސްޓަރު އަޒްލީން އަހްމަދު އާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިހް މޫސާ ނިޒާރު އަދި ޔަޝްފާ އަބުދުލްޣަނީ ވެސް ވަނީ ކުރިމަތިލައްވާފައެވެ.
އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ހޮވާނީ މިމަހުގެ 24 އިން 25 ވަނަ އަށް ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް ހޮވާ މަގާމަކެވެ. ޖޭޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރާނީ ޕާޓީގެ ލީޑަރެވެ.
އެ ކޮންގުރެސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ތާވަލުކޮށްފައިވެއެވެ.