ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރީ ހަރާމް ހުކުމެއް ކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެވަރުގެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ޕީޕީއެމްއިން ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ ކުރަ އިހުތިޖާޖުތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ އެރުވުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޮޒެއިނާ ވިދާޅުވީ، ޖަލަށްލާން ޖެހެނީ ހަމައެކަނި ރިހާކުރު ފުޅި ވަގަށް ނަގާ މީހާ ނޫން ކަމަށާއި ރައްޔިތުންގެ ފައިސާ އަށް ރައްކާތެރިވާނެ ކަމަށް ހުވާކޮށްގެން ވެރިކަމަށް ވަޑައިގަންނަވާ ވެރިމީހާ ވައްކަން ކުރުމުން އެންމެ ފުރަތަމަ ޖަލަށްލާން ޖެހޭނީ އެ ފަރާތް ކަމަށެވެ.
ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރެ އަދި ކޯޓަކުން ޔާމީނުގެ މައްޗަށް ވައްކަން ސާބިތުވެގެން ޖަލަށް ލުމުން އެއީ ހަރާމް ހުކުމެކޭ ބުނުމަކީ ޖޯކެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ޔާމީން ޖަލަށް ލުމުން ޕީޕީއެމް މީހުން ވެސް އެހާ ވަރަކުން ނޫޅޭ ކަމަށާއި، މިހާރު ކޮންމެވެސް ވަރަކަށް ހަރަކާތްތައް ބާއްވަނީ ވެސް ރިޔާސީ އިންތިހާބު އޮތުމުން ޕާޓީގެ ރޫހު އާލާ ކުރުމަށް ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.