އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެތުމުގެ "ހިތްދަތިކަން" އެބަ އޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އެރުވުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ ފިކުރަކީ އަދި އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ވަނީ އަސާސީ ގަވާއިދުގެ ތިންވަނަ ބާބުގައި ކަޅާއި ހުދުން ލިޔެފައި ކަމަށާއި އެނޫން އާ ފިކުރެއް ފެންނަން ނެތް ކަމަށެވެ.

ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލައްވާ، އަސްލަމް ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަސްލަމް އިޝާރާތް ކުރައްވަނީ، ރައީސް ނަޝީދު އިސްވެ ހުންނަވައި ބައި ހެޔޮ ކުރައްވަމުން ގެންދަވާ "ފިކުރެއްގެ ދިރުން" އަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒަމާންތަކަށް ހަމަ އެ މަނިކުފާނާއެކު މަސައްކަތްވެސް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަޑައިގަންނަވާށޭ، މިއަދުވެސް މިތަނުންވެސް މަނިކުފާނު ނެތްކަން އެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަވޭ. މަނިކުފާނު ވަޑައިގަންނަވާށޭ. މި ސަފުތަކާ ގުޅި ވަޑައިގަންނަވާށޭ، އަޅުގަނޑުމެން މި ޕާޓީ ކުރިއަށް ގެންދަވާ ހިންގަމާށޭ
މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ، ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ އެމްޑީޕީގައި މި ވެރިކަން ބާއްވައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށެވެ.

މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ބޭއްވި އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ޓިކެޓެއްގެ ގޮތުގައި ރައީސަށް އަރުވާފައި ވަނީ އިހު ޒަމާނުގެ ފަތްކޮޅެއް ގޮތަށް ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

ރޭގެ ޖަލްސާގައި ނަޝީދުގެ އިތުރުން، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ރައީސަށް ޓިކެޓު އަރުވާފައި ވަނީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.