ހަމައެކަނި ދިވެހި ފިލްމުތައް އަޅުވަން ހާއްސަކޮށްފައި ހުންނަ ހަމައެކަނި ސިނަމާ އޮލިމްޕަހުގައި ބޭރު ފިލްމުތައް އަޅުވަން ނިންމައިފިއެވެ.

މަރާމާތަށްފަހު އޮލިމްޕަސް އަލުން ހުޅުވުމާއެކު ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބީވީމާ" ވަނީ ދައްކަން ފަށާފައެވެ. މިހާރުވެސް ސިނަމާގައި އެ ފިލްމު އަޅުވާފައި އޮތްއިރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ބޭރު ފިލްމު އިއްޔެ ހަވީރު ވަނީ އަޅުވާފައެވެ. 1970-1990 އަހަރުތަކުގެ ތެރޭގައި ހިންދީ މަގްބޫލު ފިލްމުތަކެއް އޮލިމްޕަސް ސިނަމާގައި އެޅުވިއިރު އަނެއްކާވެސް ބޭރު ފިލްމުތައް އޮލިމްޕަހަށް ގެންނަން ނިންމީ ސްޓާ ސިނަމާއިންނެވެ.

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން އާއި ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޝެހެޒާދާ" އިއްޔެ ހަވީރު އިންޑިއާ ތިއޭޓާތަކުގައި ޕްރިމިއާކުރިއިރު އޮލިމްޕަސް ސިނަމާގައި ވެސް ވަނީ މި ފިލްމު ދައްކާފައެވެ. ސްޓާ ސިނަމާ އިން ބުނީ މި ފިލްމުގެ ޓިކެޓް ބުކްކުރަމުން އަންނަ ކަމަށާއި 7201199 އަށް ގުޅައިގެން ޓިކެޓްބުކް ކުރެވޭނެ ކަމަށެވެ. އަދި އޮލިމްޕަސް ކައުންޓަރުން ފިލްމުގެ ޓިކެޓް ވިއްކަން ހުންނާނެ ކަމަށާއި ފިލްމުގެ ޓިކެޓުގެ އަގަކީ 130 ރުފިޔާ ކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިލްމު "ޝެހެޒާދާ" އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާއިރު ފިލްމުގެ ޑިމާންޑް އޮތް ވަރަކުން ޝޯތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ތެލެގޫ ފިލްމު "ޕުޝްޕާ" ގެ އެކްޓަރު އައްލޫ އަރުޖުން ކުޅުނު ފިލްމެއްގެ ރީމޭކެކެވެ. އެ ފިލްމަކީ 2020 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު އެކްޝަން ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" އެވެ.