މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ އާސިރު ފެނޭތޯ ޓީއެމްއޭ ކެމެރާތަކާއި ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނަ ސީސީޓީވީ ފުޓޭޖް ބަލައިފި ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުުހުން ބުނީ، މުހައްމަދު އާސިރު އިސްމާއީލް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސްއާ މައުލޫމާތު ވަނީ ހިއްސާކޮށްފައި ކަަމަށެވެ. އަދި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންގެ އެކި ބަހާތަކުން ދަނީ ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އާސިރު ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އާސިރު ހޯދުމަށް، އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގޭ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ވަނީ ބަލާފައި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އާސިރު އަރާ މަންޒަރު ފެނިފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

އެ ޓެކްސީގައި އޭނާ ވަނީ އެއާޕޯޓް ޓާމިނަލަށް ގޮސްފައިވާ ކަމަށާއި އެތަނަށް ޓެކްސީ ދިއުމުން ކާރުން އޭނާ ފައިބައިގެން އޭނާ ޓަމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވެއެވެ. ނަމަވެސް ބެލިބެލުމުން އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެއާޕޯޓަށް އާސިރު ދިއުމަށް އެރި ޓެކްސީ ހޯދައި އެ ޓެކްސީ ޑްރައިވަރާ ވެސް ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓުހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އާސިރު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ގަވާއިދުން އާއިލާއާ މައުލޫމާތު ހިއްސާ ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ. އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުން ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެއް ކަމަށް އެ ފަރާތުން ބުނެއެވެ. އަދިވެސް އާސިރު ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަހުގީގު ޓީމުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ބުނެއެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ އާސިރު މި މަހުގެ 4 ވަނަ ދުވަހުގެ 19:30 ހާއިރުން ފެށިގެން ވީނުވީއެއް ނޭނގިގެން ގެއްލިގެން ރިޕޯޓްކޮށްފައިވާ އިރު، އެނާގެ އާއިލާއިން ބުނީ، އެންމެ ފަހުން އާސިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށެވެ. އާސީރުގެ ހަބަރެއް އަދި ދިޔަތަނެއް ނޭގި ފުލުހުން އޭނާ ހޯދަމުންދާތާ ހަފްތާއެއް ވީ އިރު އަދި އޭނާ ފެނިފައެއް ނުވެއެވެ. .