ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ 85 މެންބަރުން ބައިވެރިވެފައި ވެއެވެ. އޭގެތެރެއިން ރިޔާސީ ކެންޑިޑޭޓަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ ވޯޓާއެކު އެ ނިންމުން ވަނީ ފާސްވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކުރީގެ އެމްޑީޕި ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މި ބޭފުޅުން ވަނީ މި އަހަރު މަޖިލީސް ފެށުމަށް ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ.

ނަޝީދު އެ ޖަލްސާ ބޮއިކޮޓް ކުރައްވާފައިވާ އިރު، މީގެ ކުރިން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ހޮވޭ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި ޕާޓީގެ ރައީސް ނަޝީދު ނެތް ނަމަވެސް، އެ ކެންޑިޑޭޓާ އެކު ޕާޓީ އޮންނާނެ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު އެ ޕާޓީ ދެ ފެކްޝަނަކަށް ވަނީ ބެހިފައެވެ. މި ގޮތުން މަޖިލީހުގެ ގިނަ މެންބަރުން ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާ އެކުއެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނަ އިރު މި ދިޔަ މަހު 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޯލިޝާނާ ގުޅޭ ގޮތުން ރައީސް މީގެ ކުރިން ވިދާޅުވައި ވަނީ ކުރިއަށް އޮތް އިންތިހާބާ ޖެހެންދެން ސަރުކާރު ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ. ކޯލިޝަންގައި އޮތް ޕާޓީއަކުން ވެސް އިންތިހާބުގައި ވާދަކޮށްފާނެ ކަމަށާއި އެއީ ކޯލިޝަން މުގުރިގެން ދިއުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ވާދަކޮށްގެން 50 ޕަސެންޓަށް ވުރެ ގިނަ ވޯޓް ހޯދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެމްޑީޕީން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދޭން ނިންމި އިރު، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް ވަނީ އެ ބާރު ދީފައެވެ. އަދި އެފަހަރުގެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ގިނަ ޕާޓީތައް ހިމެނޭހެން ކޯލިޝަނަކާއެކުއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމާއެކު ހެދި ކޯލިޝަނަކެވެ.