އިންގްލިޝް ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސަނަލްއާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ލީގުގައި ފުރަތަމަ ފަހަރަށް ބައްދަލުކުރާނެއެވެ.
މި ދެޓީމުގެ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އޮތް އިރު މި ސީޒަންގެ އެފްއޭކަޕްގައި މި ދެޓީމު ވަނީ ވާދަކޮށްފައެވެ. އެމެޗު 1-0 ގެ ހަނި ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.
މިސީޒަންގައި މޮޅު ކުޅުމެއް ދައްކާ ތާވަލުގެ އެއް ވަނައިގެ ޖާގަ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓައިގެން އޮތް އާސަނަލް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން ލިބުނީ 1 ޕޮއިންޓެވެ. އެއީ އެވަޓަން އަތުން ބަލިވެ މިދިޔަ ހަފްތާ ބަންދުގައި ބްރެންޓްފޯޑް އަތުން 1-1 އިން އެއްވަރުވުމުންނެވެ.
އެހެން ނަމަވެސް ލީގުގެ ފުރަތަމަ 21 މެޗުން އާސަނަލް ބަލިވީ އެންމެ ފަހަރަކުއެވެ.
ސިޓީއަށް ބަލާ އިރު އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ދަށްވި ނަމަވެސް މިދިޔަ ހަފްތާގައި ލިބުނު ތިން ޕޮއިންޓާއެކު ސިޓީ މިވަނީ އާސަނަލްއާ ތިން ޕޮއިންޓް ކައިވެރިފައެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިރޭގެ މެޗުގައި ނިކުންނާނީ އޭނާ ސިޓީއާއި ހަވާލުވި ފަހުން ވާދަކުރާ އެންމެ ވަރުގަދަ އާސަނަލް ޓީމާ ކަމަށެވެ. އެހެން ނަމަވެސް ލީގުގެ އެންމެ ފަހު މެޗާ ހަމައަށް ވެސް ތަށި ދިފާއުކުރަން މަސައްކަތް ކުރާނެ ކަމަށް ސިޓީގެ ކޯޗު ބުންޏެވެ.
ފާއިތުވި ފަސް ސީޒަންގެ ތެރެއިން ހަތަރު ސީޒަން ލީގު ތަށި އުފުލާލި ސިޓީން މިދިޔަ ސީޒަންގެ ތަށި ހޯދީ ދެވަނައަށް ދިޔަ ލިވަޕޫލްއާ 1 ޕޮއިންޓްގެ ފަރަގުންނެވެ.
މިރޭ ލީގުގައި މި ދެޓީމު ވާދަ ކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12:30 ގަ އެވެ.