މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކޮށް ހަދާ ހައި ސެކިއުރިޓީ ވިންގްގެ މަސައްކަތް މިއަހަރު ޖޫން ނުވަތަ ޖުލައި ހިސާބުގައި ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން ޖަލުގެ މުޅި ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން ބަޔަކަށް ފުރުސަތު ލިބެނީ ޖަލުތަކުގެ ތޮއްޖެހުން ބޮޑުވެ, ކަމާ ގުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭތީ ކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މިހާރު ޖަލުގައި ތިބި ހަރުކަށި ފިކުުރުގެ ފަރާތްތައް އެސެސްކުރާނެ ޓޫލްސްތަކެއް ޑިވެލޮޕްކޮށް، އެ ފަރާތްތައް ދެނެގަންނަމުން ދާކަމަށެވެ. އަދި މިހާރުވެސް ހަރުކަށި ފިކުރުގެ ގައިދީން އެހެން ގައިދީންނާ ވަކިން ބޭތިއްބެން އޮތް އެންމެ ބޮޑު މިންވަރަކަށް އެކަން ކުރަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.
މާފުށީ ޖަލުގަ ހަދާ ހައި ސިކިއުރީޓީ ވިންގްގެ މަސައްކަތް ބާރަށް ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި ގާއިމުކުރާ ހައި ސެކިއުރިޓީ ވިންގް ހަދަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި އެފަދަ މީހުން ގެންގުޅޭ ތަންތަން ބަލައިގެން ކަމަށެވެ. މި ގޮތުން ސިންގަޕޫރުގައި ހުރި އެފަދަ ތަނެއް ބެއްލެވި ކަމަށާއި އެ ފެސިލިޓީ އަކީ 50 މިލިއަން ސިންގަޕޫރު ޑޮލަރަށް ހަދާފައިވާ ތަނެއް ކަމުގައި އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި ހަދާ ހައި ސެކިއުރިޓީ ވިންގް ހެދުމަށް ލިބުނީ 35 މިލިއަން ރުފިޔާއެވެ.