ރާއްޖޭގެ މަޝްހޫރު މޮޑެލްއެއް ކަމަށް ވާ ޅ. ނައިފަރަށް އުފަން ފާތުމަތު ޒަޔާން އިބްރާހިމް (ކައިޒީން) 3.6 މިލިއަން ރުފިޔާ ދީގެން އޭނާގެ ބައްޕަ ލައްވާ ގަތް ބޯޓެއްގެ މައްސަލަ ކޯޓުގައި އޮތުމުން ކައިޒީން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓަށް ކައިޒީން ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ނަމުގައި ބޯޓެއް ގަތުމަށް ބައްޕަ (އިބްރާހިމް އަލިފުޅު) އަށް 3.6 މިލިއަން ރުފިޔާ ހަވާލުކުރުމުން، އިބްރާހިމް އަލިފުޅު އެ ފައިސާއިން ބޯޓު ގަނެ އެ ބޯޓު އޭނާގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައި ވާތީ އެ ރަޖިސްޓްރީ ކައިޒީންގެ ނަން މައްޗަށް ބަދަލު ކޮށް ދިނުމަށެވެ.
"މިހިރީ ނަންބަރު5" ގެ ނަމުގައި އިބްރާހިމްގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ އެ ބޯޓުގެ މިލްކުވެރިފަރާތަކީ ކައިޒީން ކަމަށާއި އެ ބޯޓު ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައި ވަނީ ކައިޒީންގެ ރުހުމާ ނުލައި ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ. ކައިޒީން ހުށަހެޅި ހެކިތަކުގެ ތެރޭގައި ބޯޓު ގަންނަން ފައިސާ ދިން ކަމުގެ ބޭންކް ސްޓޭޓްމަންޓާއި ދެ ހެކިވެރިންގެ ހެކި ބަސް އޭނާ ވަނީ ހުށަހަޅާފައެވެ. އެހެންކަމުން އެ މައްސަލައިގައި ކައިޒީނަށް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ކައިޒީޏްގެ ފަރާތުން ބުނެފައި ވެއެވެ.
ކައިޒީންގެ ފަރާތުން ކޯޓުއަމުރަށް ހުށަހެޅެމުން މިއަދު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ކައިޒީން ކޮށްފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާ ފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ. އެހެންކަމުން ކައިޒީން ނެރެދިނުމަށް އެދިފައިވާ ކޯޓު އަމުރުގައިވާ ކަންކަމަކީ މި ދައުވާގެ މައުޟޫއާ މެދު ގޮތެއް ނިމިގެންދާނެ ކަމެއް ކަމަށާއި ނެރެދިނުމަށް އެދިފައިވާ ކޯޓް އަމުރާމެދު ގޮތެއް ނިމިގެންދާނެތީ، ދައުވާ ކުރާ ފަރާތުން އެދިފައިވާ ގޮތަށް ކޯޓް އަމުރު ނެރެދޭން ޖެހޭ ތަނެއް މިވަގުތަށް ނެތް ކަަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ ކޯޓުގެ އަމުރުގައި ވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށެވެ.
ބަފަޔަށް ވެސް ބަލާނުލި، ދެން ތިކަމާ ހަމަޖެހޭ ފިރިހެނަކު ވައިވެސް ނޭޅޭނެ