ރާއްޖެ އަށް ޑްރަގް އެތެރެކުރާ ބިދޭސީން، އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވޭ ގޮތަށް އޮތް ގަވައިދު އިސްލާހުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އެތެރެވި މީހެއްގެ އަތުން 6.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައި، އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.

އޭނާ ފުރުވާލާފައި ވަނީ މިދިޔަ މަހުގެ 26 ގައި ގެޒެޓުކުރި "ވައިގެ މަގުން ބިދޭސިއަކު ރާއްޖެ އަށް ޑްރަގް އެތެރެކުރަން މަސައްކަތްކުރާ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު"ގެ ދަށުންނެވެ. އެ މައްސަލައިގައި އާންމުންގެ ވެސް ބައެއް ފާޑުކިއުން އަމާޒުވެފައިވެއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ޑްރަގުގެ މުއާމަލާތްތައް ކުރާ ފަރާތްތައް ހޯދައި އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ތަންފީޒުކުރުމަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތަކަށްވީ ނަމަވެސް، ސަރުކާރުން ވަނީ އެ ސިޔާސަތާ ދެކޮޅަށް، ޑްރަގުގެ މުއާމަލާތްތަކަށް ހިތްވަރު ލިބޭނެ ފަދަ ގޮތަކަށް ގަވައިދު އެކުލަވާލާފައިވާ ކަމަށެވެ.

ހަސަން ފާހަގަކުރެއްވި ގޮތުގައި:

  • ގަވައިދު އޮތް ގޮތުން ރާއްޖެ އަށް ފަސޭހައިން ޑްރަގު އެތެރެކޮށް މުއާމަލާތްކުރުމުގެ ފުރުސަތު ބޮޑު
  • އެކަމުގެ ސަބަބުން، ޑްރަގް ވިޔަފާރިތަކުން ރާއްޖެއަކީ އެ ވިޔަފާރިތަކުގެ މަންޒިލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް މަގުފަހިކުރެވޭ

ޑްރަގުގެ މުއާމަލާތްތައް ހިންގުމަކީ ނުވަތަ ހިންގުމަށް އެހީތެރިވުމަކީ ކުށެއް ކަމަށް ގާނޫނުގައި އޮންނަ އިރު، މި ގަވައިދުގެ ސަބަބުން ގާނޫނާ ގަވައިދަށް ފުށޫއަރާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެހެންވެ، އެ ގަވައިދާ ފުށޫއަރާ ބައިތައް އުނިކުރުމަށް ހަސަން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

މި މަހުގެ 6 ގައި ރާއްޖެ އެތެރެވި މީހަކު ވަނީ ޑްރަގުގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ 2.6 ކިލޯ އެތެރެކޮށްފައެވެ. އޭނާ އެއަށް ޕޮޒިޓިވްވިއިރު، އޭނާ އަނބުރާ ފޮނުވާލާފައި ވަނީ މިމަހުގެ 26 ގައި ގެޒެޓުކުރި ގަވައިދުގެ ދަށުން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.