ހުރިހާ ބައްރުތަކުގެ ސަރަހައްދީ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެޗުގައި ކުޅޭ ފީފާ ކްލަބް ވޯލްޑްކަޕްގެ ތަށި ސްޕެއިންގެ ރިއާލް މެޑްރިޑް އިން 5 ވަނަ ފަހަރަށް ހޯދާ އާރިކޯޑެއް ހަދައިފިއެވެ.
މޮރޮކޯގެ ވެރިރަށް ރަބާތްގައި ކުރިއަށް ދިޔަ މިމުބާރާތުގެ ފައިނަލް މެޗުން ރިއާލް މޮޅުވީ އޭޝިޔާގެ ޗެމްޕިއަންސް އަލް ހިލާލް 5-3 އިން ބަލިކުރުމަށް ފަހުއެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރިއާލްއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިއާއެވެ. އެއަށް ފަހު ދެން ވެސް ފެނުނީ ރިއާލްގެ ލަނޑެކެވެ. އެލަނޑު ޖެހީ ފެޑްރީކޯ ވަލްވޭޑެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލް ހިލާލްއިން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މަރެގާއެވެ.
ދެވަނަ ހާފްގައި ވެސް ފުރަތަމަ ލަނޑު ޖެހީ ރިއާލުންނެވެ. މިގޮތުުން މެޗުގެ ސްކޯ 3-1 އަށް ހެދީ ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒިމާއެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި ރިއާލްއިން އަދި އަލް ހިލާލްއިން ވެސް ދެލަނޑު ޖެހިއެވެ. އަދި މެޗު ނިމުނީ 5-3 ގެ ސްކޯލައިނަކުންނެވެ.
މިމޮޅާއެކު ރިއާލްއިން ވާދަކުރި ފީފާ ކްލަބް ވޯލްޑްކަޕް ފައިނަލްގެ ފަސް މެޗުން ވެސް މިވަނީ މޮޅުވެ ތަށި އުފުލާލާފައެވެ.
މިއަހަރުގެ މުބާރާތަށް ފަހު ފީފާއިން ވަނީ ކަލްބް ވޯލްޑްކަޕްގެ އޮނިގަނޑު ބަދަލުކުރަން ނިންމާފައެވެ. މިގޮތުން 32 ކްލަބަށް ވާދަކުރެވޭ ގޮތަށް ހަދާ މުބާރަތް 4 އަހަރުން އެއް އަހަރު ބޭއްވުމަށް ފީފާއިން ވަނީ ނިންމާފައެވެ.