ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮޕްތަލްމޮލޮޖީ (ލޮލުގެ ހާއްސަ ފަރުވާ)ގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައެވެ. ހުނަރާއި ހިދުމަތްތައް މިހާރަށް ވުރެ އިތުރަށް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މި ޕްރޮގްރާމް ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު އޮޕްތަލްމޮލޮޖީގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ ޕްރޮގުރާމްގެ ޝަރަފުވެރިކޮށްދެވުމުގެ ގޮތުން ފައިސަލް ވާހަކަ ދައްކަވަނީ

މި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ، ސިއްހީ ފަރުވާ ހޯދުމަށް ވެރިރަށް މާލެ އައުމުގެ ބަދަލުގައި ރަށުން އެ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަކީ މިސަރުކާރުގެ ވައުދެއް ކަމަށާއި މި ވައުދު ފުއްދުމަށްޓަކައި ސަރަހައްދީ ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުން ދާ ކަމަށެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު އޮޕްތަލްމޮލޮޖީގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ ޕްރޮގުރާމްގައި ޗައިނާ ސަރުކާރުން ހަދިޔާ ކުރާ ތަކެއްޗާ ހުޅުމާލެ ހޮސޕިޓަލުން ހަވާލުވަނީ

އަދި ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި، ދެމުން ގެންދާ އެހީތެރިކަމަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 2020 ވަނަ އަހަރު ހުޅުވި އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ.

މީގެ އިތުރުންވެސް ހުޅުމާލޭ ހޮސްޕިޓަލް ތަރައްގީކޮށް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ޗައިނާގެ ޒޮންގްޝަން އޮފްތަލްމިކް ސެންޓަރުގެ ޓީމެއް އެ ހޮސްޕިޓަލަށް އައިސްފައި ވެއެވެ. ޑޮކްޓަރުންނާއި 3 ނަރުހުން ހިމެނޭ މި ޓީމުން 4 ފެބްރުއަރީ އިން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ކޮންސަލްޓޭޝަންގެ އިތުރުން ސާޖަރީތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.