ށ. ކަނބާލިފަރާ ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީ ގޮތުން ހުއްޓާލުމައް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
ރިސޯޓް ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާ ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމައް ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފައިވަނީ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކް އާ ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިފައި ވާތީއެވެ.
މިކަމާ ގުޅިގެން ވަގުތީ އަމުރެއްް ސިވިލް ކޯޓުން ނެރެދިނުމަށް އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ ސިވިލް ކޯޓުގައި އެދިފައި ވަނީ ކަނބާލިފަރު ކުންފުނީގެ ޕަވާ އޮފް އެޓާނީ ސަރަނގު އާދަމް މަނިކު އަށް ދީފައި ވަނިކޮށް ފްރާންޗިން ޖުސެއްޕޭ ހުއްދަ ނެތި އެ ޕަވާ އޮފް އެޓާނީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ސަރަންގު އާދަމް މަނިކު އެ ރަށުގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏަކަށް ބަދަލު ކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަލަޅައިގެންނެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗައް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ ޝަރީއަތުން މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށުގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.
މި އަމުރު ނެރެދިނުމަށް ޖުޒެއްޕެ ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލަ ނުނިމެނީސް ށ. ކަނބާލިފަރުގެ ސްޓްރަކްޗާ އަށް ބަދަލު ގެނައުމުގެ ބިރު އޮތުން ނުވަތަ އެ ރަށް އެހެން ބަޔެއްގެ މިލްކިއްޔާތުގެ ދަށަށް ބަދަލުކުރުމުގެ ބިރު އޮތުމާއި އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިމުގެ ބިރު އޮތުމުންނެވެ.
ދެހާސްހަވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީ އިން ކަނބާލިފަރު ކުއްޔަށް ދިން އަލީ ޝަރީފް ކަނބާލިފަރު އިޓަލީގެ ފްރަންކިން ޖުޒެއްޕެ އަށް ވިއްކާލުމުން އެރަށުގެ ޕަވާ އޮފް އެޓާނީ ވަނީ ޖުޒެއްޕެއަށް ލިބިފައެވެ. އެއަށްފަހު ޖުޒެއްޕެ އާދަމް މަނިކު އޭނާގެ ފަރާތުން ހުރިހާ ބާރެއް ލިބޭ މީހަކަށް ކަނޑައެޅުމުން އޭނާ ވަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގާފައެވެ. އެގޮތުން އާދަމް މަނިކު ވަނީ ޖުޒެއްޕެއަށް ނޭނގި، އާދަމް މަނިކުގެ ހިއްސާއާއި އެކު ކަނބާލިފަރު ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް ހަދާ މަކަރާއި ހީލަތުން އެ ރަށް އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައި ކަމަށް ޖުޒެއްޕެގެ ދައުވާގައިވެއެވެ.
ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.
ޥަރައް މަކަރު ހަަދާފި.މިފަހަރު ބޮޑިބޯނެކަމުގަ ފެނޭ.